ކުޅިވަރު

ޗެމްޕިއަންސްލީގުގައި ބަޔާން ކޮޅަށް ޕީއެސްޖީން 3 ލަނޑު


ފްރާންސްގެ ޕީއެސްޖީން މޮޅު ކުޅުންތެރިން ގަނެ، ބޮޑެތި ޓީމުތައް ބަލިކުރަން ފެށުމުން އެ ޓީމުގެ ހަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް ކޯޗު އުނާއީ އެމްރޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުފެ ވަރުގަދަ ބަޔާން މިއުނިކް 3-0 ން ބަލިކުރި މެޗަށް ފަހުއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ސަންޓޯސް އާއި އެޑިންސަން ކަވާނީ އަދި ޑެނީ އަލްވެޒްގެ ގޯލުތަކުން ޕީއެސްޖީ ފެންވަރު ދައްކާލި މެޗުގެ ތަރިއަކަށްވީ ފްރާންސްގެ ޒުވާން ފޯވަޑް ކޭލިއަމް އެމްބާޕޭއެވެ. ކަވާނީ އާއި ނޭމާ ލަނޑު ޖެހީ އޭނާގެ މޮޅު ޖާދޫތަކާއެކު ފަހިކޮށްދިން ބޯޅަތަކުންނެވެ.

މިމޮޅާއެކު ޕީއެސްޖީ ޓޭބަލުގެ ކުރިއަށް ޖެހި ބަޔާން ވަނީ ފަހަތަށް ސޮއްސާލައިފައެވެ. އަދި މެޗަށް ފަހު ކޯޗު އެމްރޭ ބުނީ ސްޕޭނުގައި އޭނާ ކޯޗުކޮށްދިންއިރު ފެނިގެންދިޔައީ ޔޫރަޕުގެ ހަތަރު ޓީމަކުން މޮޅު ކުޅުންތެރިން ގަނެ، ޗެމްޕިއަންސް ލީގު ތައްޓަށް ވާދަކުރި މަންޒަރު ކަމަށެވެ. ނަމަވެސް ހުސްވި އަހަރާއި މި އަހަރު ޕީއެސްޖީން މޮޅު ކުޅުންތެރިން ހޯދައި ސީރިއަސްކޮށް ތައްޓަށް ވާދަކުރަން ފެށުމުން ހަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި، ކޮންމެ ޓީމަކުން ވެސް މިހާރު ޕީއެސްޖީއާމެދު ގެންގުޅެނީ ހަސަދަވެރި ހިތެއް ކަމަށެވެ. މިއީ ފުޓްބޯޅައިގެ ނަޒަރުން ބަލާނަމަ ވަރަށް ބޮޑު ކުރިއެރުމަކާއި، އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ސިފަކޮށްފައެވެ.

އަނެއްކޮޅުން ބަޔާންގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ މެޗަށް ނެރުނު ފުރަތަމަ 11 ދިފާއުކޮށް ވާހަކަދައްކާފައެވެ.

މެޗަށް ފަހު އޭނާ މިކަމަށް ޖަވާބު ދިނީ ބައެއް ކުޅުންތެރިންގެ އަމަލުތައް ހުރި ގޮތާމެދު ނޫސްވެރިން ސުވާލުކުރުމުންނެވެ. ޓީމުގައި މިވަގުތު ތިބި މޮޅު ކުޅުންތެރިންގެ ތެރެއިން ރޭ ބެންޗުގައި ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ޑިފެންޑަރު މެޓްސް ހުމެލްސް އާއި އާޔެން ރޮބެން އާއި ފްރޭންކް ރިބެރީއެވެ. މީގެ ތެރެއިން ބަޔާން 3-0 ން ބަލިވަމުންދިޔައިރު ރިބެނީ ވަނީ ބެންޗުގައި އިނދެ ހީ،ސަމާސާ ކޮށްފައެވެ.

މިކަމާމެދު ސުވާލު ކުރުމުން އެންޗެލޯޓީ ބުނީ އޭނާ އާއި އެއްވެސް ކުޅުންތެރިއަކާ ދެމެދު މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ 11 ޔަގީން ނުވާނެ ކަމަށާއި، ކިތަންމެ މޮޅު ކުޅުންތެރިއެއް ނަމަވެސް ބައެއް ފަހަރު ބެންޗުގައި އިންނަން ޖެހިދާނެ ކަމަށެވެ. އަދި ރޭގެ މެޗަށް ނެރުނީ މިވަގުތު އެންމެ ރަނގަޅު ކަމަށް އޭނާ އަށް ފެނުނު ފުރަތަމަ 11 ކަމަށެވެ.

ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވާ އެންޗެލޯޓީ ބުނީ މެޗުން ބަލިވީ ފުރަތަމަ 11 ގޯސްވެގެން ނޫން ކަމަށާއި މުޅި ޓިމަށް ނުކުރެވިދިޔަ ކަންތައްތަކާހުރެ ކަމަށެވެ.

ކޯޗުގެ ދިފާއުގައި ވާހަކަ ދެއްކި އެންމެ އިސް ކުޅުންތެރިއަކީ ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފޯވަޑް ތޯމަސް މުލާއެވެ. އޭނާ ބުނީ ޕީއެސްޖީގެ ފޯވަޑް ނޭމާ ސަންޓޯސް ވަށާލައިގެން ފަސް ކުޅުންތެރިން ޕެނަލްޓީ އޭރިޔާއާ ހަމައަށް ދާން ޖެހުނު ކަމަށާއި، އެހާ ވަރަށް ޓީމު ޑިސްއޮގަނައިޒް ވެގެންނުވާނެ ކަމަށެވެ. މިހެންވެ މިއީ ފުރަތަމަ 11 ގެ މައްސަލައެއްނޫން ކަމަށާއި، ދަނޑުމަތީގައި ތިބި ކުޅުންތެރިންނަށް އެމީހުންގެ ޒިންމާ އަދާނުކުރެވިގެން ބަލިވެގެންދިޔަ މެޗެއް ކަމަށެވެ.