ޚަބަރު

ސިންގަޕޫރުގެ ސަފީރު، ނާއިބް ރައީސާ ބައްދަލުކުރައްވައިފި


ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗުއާ ތިއަން ޕޮ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 42 އަހަރު މިއަހަރު ފުރޭތީ އެކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލަށް އިންތިޙާބު ކުރެވުނު ސިންގަޕޫރުގެ ރައީސް ޙަލީމާ ޔާޤޫބަށް އެމަނިކުފާނުގެ ތަހުނިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސިންގަޕޫރުގެ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރުގެ އިންވެސްޓަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރުމަށް ޝައުޤުވެރިވާކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަޙްމަދު ޚަލީލާއި، ފޮރިން ރިލޭޝަންސްގެ އަންޑަރސެކްރެޓަރީ އަލްއުސްތާޛް ފައްޔާޒް ޝާތިރު ބައިވެރިވެވަޑައިގެންނެވިއެވެ.