ތަރައްްޤީ

ފަތުރުވެރިކަމުގެ ދުވަސް


މިއަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އދ.ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާ ޑަބްލިއުޓީއޯއިން ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ ނަވާރަސަތޭކަ އަށްޑިހަވަނަ އަހަރުއެވެ. 

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ފެށިތާ ތިރީސް ހަތް އަހަރު ވެފައިވާއިރު، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވިތާ މިހާރުމިވަނީ ސާޅީސް ފަސް އަހަރު ފުރިފައެވެ. 

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވިތާ ސާޅީސް ފަސްއަހަރު ފުރިފައިވާއިރު، މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މުޅި ދުނިޔެއަށް ނަމޫނާ ޞިނާޢަތެކެވެ. 

ރާއްޖޭގެ ފަތުރުވެރިކަން މިހާހިސާބަށް ދިއުމުގެ އަސްލަކީ، ފަތުރުވެރިކަން ތަރައްޤީކުރުމުގެ މޭސްތިރިންނާއި ދިވެހި ސަރުކާރުން، މިކަމަށް ދެއްވި އަހަމިއްޔަތުކަމެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހިންގެ ފަރާތުން ދައްކަމުން އައި ރީތި އަޚްލާޤާއި ދިވެހިންގެ ސާދާކަމާއި ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމެވެ. 

ދިވެހިރާއްޖޭގެ ފަތުރުވެރިކަން މިހާހިސާބަށް އައިއިރު، ދުނިޔޭގެ ނަން މަޝްހޫރު ޓޫރިޒަމްގެ ބޮޑެތި ބްރޭންޑްތަކުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއިއެކު، މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަމުންދަނީ ހަމައެކަނި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް އެކަންޏެއްނޫނެވެ. ތަފާތު އެކި ވިޔަފާރިތަކުން މިއަދު ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަމުންނެވެ. 

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން ވަނީ ބިޔަ މަޝްރޫޢުތަކެއް ފަށްޓަވާފައެވެ. މި އަމާޒަށް ވާސިލްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ފަށްޓަވާފައިވާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެވެ. ސަރުކާރުން ޤަބޫލުކުރާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރު ތަރައްޤީކުރެވެން އޮތީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށްގެންނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން އެއަރޕޯޓުން ޚިދުމަތްހޯދާ މީހުންގެ ޢަދަދު އެކެއް ޕޮއިންޓް ފަހެއް މިލިއަނުން ހަތެއް ޕޮއިންޓް ފަހެއް މިލިއަން ފަސެންޖަރުންނަށް އިތުރުވެގެންދާނެއެވެ. 

އެއަރޕޯޓް ތަރައްޤީއާއެކު ސަރުކާރުން ގެންދަވަނީ އިތުރު ރިސޯޓްތައްވެސް ހުޅުވުމަށް ތައްޔާރުވަމުންނެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން ތިރީސް ރިސޯޓް މުޅިން އަލަށް ހުޅުވައި، ފަންސާސް ހާސް އެނދު ފަތުރުވެރިކަމުގެ  ދާއިރާއަށް އިތުރުކުރުނމެވެ.  ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ސަތޭކަ ފަންސަވީސް ރިސޯޓް އޮޕަރޭޓްކުރަމުންދެއެވެ. 

ރިސޯޓް ތަރައްޤީކުރުމުގެ އިތުރުން ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސްތައް ތަރައްޤީކުރެއްވުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މިގޮތުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ގެސްޓްހައުސް ކޮންސެޕްޓަށް ލ.އަތޮޅުގައި ތަރައްޤީކުރަމުންގެންދާ ބަރެސްދޫއެވެ. ބަރެސްދޫގައި ފަންސާހާ ގާތް ކުރާ ޢަދަދަކަށް ގެސްޓްހައުސް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މި ރަށުގައި ތިންހާސް އެނދު ހުންނާނޭކަމަށް އެރަށް ތަރައްޤީކުރާ އެމްއައިޓީޑީސީން ބުނެއެވެ. ރިސޯޓް، ގެސްޓްހައުސްގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ސަފާރީ ޔޮޓްފަހަރުވެސް ދަނީ އތުރުވަމުންނެވެ. 

ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފުޅާކުރެއްވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު، މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރެއްވުމަށްވެސް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.