ޚަބަރު

ރައީސްގެ ދެކަނބަލުންނަށް ވިލިނގިލިން ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ބައެއްގެ ގޮތުން، ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޫއްޑޫއިން ވިލިނގިއްޔަށް ވަޑައިގަތީ، އެ ދެކަނބަލުންގެ އިސްތިގުބާލުގައި ކޫއްޑުއަށް ދަތުރުކުރުމަށް، ޒީނަތްތެރިކޮށްފައިވާ ވިލިނގިލީ ކަންނެލި މަސްދޯންޏެއްގައެވެ. ރައީސްގެ ދެކަނބަލުންގެ އިސްތިޤްބާލުގައި މަރުޙަބާ ދެންނެވުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެފައިވެއެވެ.