ޚަބަރު

ރާއްޖެ ބަދުނާމު ނުކުރުމަށް ރައީސް ގޮވާލައްވައިފި


ޤައުމަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުނަމަ ރާއްޖެ ބަދުނާމުކުރުމަށް ކުރާ މަސައްކަތާއި ބޭއިންސާފުން ވާހަކަދެއްކުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އަނެއްކާވެސް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހުވަދު އަތޮޅު އުތުރުބުރީ ކޫޢްޑޫގައި ތަރައްޤީކުރި މަރކިއޯ ހޮޓެލް މޯލްޑިވްސް ކޫއްޑޫ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޫއްޑޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ 'މަރކިއޯ ހޮޓެލްސް މޯލްޑިވްސް ކޫއްޑޫ' ރަސްމީކޮށް ހުޅުއްވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ، ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ޤައުމެއްކަމަށް ވާއިރު، މި ޤައުމުގެ ނަން ބަދުނާމުކޮށް އިންސާފުވެރި ކަމެއްނެތި ދިވެހިރާއްޖެއާ ދޭތެރޭ ފަތުރަމުންދާ ބަދުނާމުތަކުގެ އިސް ސަފުގައި ނުތިއްބެވުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ބަވަނަވެފައިވާ އިޤްތިޞާދެއްގައި އެންމެ މުހިންމީ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއެކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ހިފައިގެން އަންނަ އިންވެސްޓަރުންނަށް އިސްކަންދިނުންކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް ފަތުރުވެރިކަމަށް ބުރޫއަރާ ފަދަ ކަންކަމުގައި އުޅުއްވާ ސިޔާސީ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓާލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ރާއްޖޭގެ ތަސައްވަރު ބޭރު ދުނިޔޭގައި ކިލަނބުވާގޮތަށް ވާހަކަނުދެއްކެވުމަށް ގޮވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖޭން މިފެންނަނީ މުޅި އޭޝިޔާ ސަރަޙައްދުގައިވެސް ލާމަސީލު މިސާލެއްގެ ގޮތުގައި ދައްކާ ސިންގްޕޫރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަންނަތަންކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް އެ ޤައުމުގައި ވިޔަފާރީގެ ފުރުޞަތު ނެތިގެން ނޫންކަމަށާއި އެއީ ރާއްޖެއިން ރަނގަޅު ވިޔަފާރީގެ ފުރުޞަތުތަކެއް ފަހިކޮށްދޭތީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.