ޓުއަރިޒަމް

ވެލިވިލާ - ފުރަތަމަ ހޮލިޑޭ ހޯމް ގެސްޓްހައުސް


ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮލިޑޭ ހޯމް ގެސްޓްހައުސް ކޮންސެޕްޓަށް ފަރުމާކުރި ގެސްޓްހައުސް ކ ދިއްފުށީގައި ހުޅުވައިފިއެވެ.

ވެލިވިލާގެ ނަމުން ނަންދީފައިވާ މި ގެސްޓްހައުސް ހުޅުވާފައިވަނީ، އެކަމަށްޓަކައި ދިއްފުށީގައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައެވެ. ވެލިވިލާ ގެސްޓްހައުސް އަކީ ހާއްސަގޮތެއްގައި އާއިލާ ތަކާއި ގްރޫޕްތައް ޗުއްޓީ ހޭދަކޮށްލުމަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. 

މި ގެސްޓްހައުސްގައި ހަތަރު ކޮޓަރި ހުރެއެވެ. ޕީއެސް އެމްނިއުސްއަށް މައުލޫމާތުދެއްވަމުން ގެސްޓްހައުސްގެ ސިއީއޯ އަހުމަދު މިދުހަތު ވިދާޅުވީ، ޗުއްޓީ ހޭދަކޮށްލުމަށް ވެލިވިލާއަށް ޒިޔާރަތްކުރާ މީހުންނަށް ހޮލިޑޭ ހޯމްއަކުން ލިބޭނޭ ޚިދުމަތްތައް ލިބެންހުންނާނެކަމަށެވެ. މީގެ ތެރޭގައި މިފަދަ ގެސްޓްހައުސްއަކުން ލިބެން ހުންނާނެ ވަސީލަތްތަކުގެ އިތުރުން މޫދު ކުޅިވަރުތައް ކުޅެވޭނޭ ވަސީލަތްތައް ހިމެނޭ. ވެލިވިލާގެ ޚިދުމަތްތައް އެކުލެވިގެންވަނީ، ޕްރައިވެޓް ބީޗަކާއެކުއެވެ. ވެލި ވިލާ ގެސްޓްހައުސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ބޭރު މީހުންނެކޭ އެއްގޮތަށް ދިވެހިންނަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ މިހާރު ދިވެހިރާއްޖޭގައި އެންމެބޮޑަށް ކުރިއަރަމުން އަންނަ އެއް ވިޔަފާރިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ހަތަރުސަތޭކަ ސާޅީސް ފަސް ގެސްޓްހައުސް ރަޖިސްޓްރީކޮށްފައިވެއެވެ. މި މުއްދަތުގެ ނިޔަލަށް އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްގެ އަދަދު އުޅެނީ، ހަތަރުސަތޭކަ ސާޅީސް ތިނެއްގައެވެ.