ތަރައްްޤީ

"ބްރިޖުގެ އައިބީމް ކޮންސްޓްރަކްޝަން ނޮވެމްބަރު މަހު ނިމޭނެ"


ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޑެކްގެ މަތީގައި ހަދާ އައިބީމް ކޮންސްޓްރަކްޝަންގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ބްރިޖުގެ މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރު މުޢިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ބާރު ދުވެލީގައި ކަމަށެވެ. އެގޮތުން ބްރިޖުގެ އައިބީމް ކޮންސްޓްރަކްޝަންގެ ސަތޭކަ ފަންސާސް މީޓަރު ނުވަތަ ފަސް ސްޕޭންގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި ޑެކްގެ ކޮންކްރީޓް މަސައްކަތް ނިންމައި، ޑެކްގެ މަތީގައި އެޅުމަށް ހަމަޖެހިފައިވާ އެސްފޯޓް ލޭޔާގެ މަސައްކަތް އަންނަ އަހަރުގެ މެއި މަހު އަޅަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ޑެކްގެ ކޮންކްރީޓް ލޭޔާއެއްކޮށް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

މިއާއެކު މިނިސްޓަރު ވަނީ ބްރިޖު މަޝްރޫއުގެ ދަށުން ހުޅުލެއާވީ ހިސާބުގައި ހަދާ ބްރިޖުގެ ތަނބުތަކުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނުވަތަ އެއަށްވުރެވެސް ކުރިން ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މި މަސައްކަތުގެ ކޮންސެލްޓެންސީ ދެމުންދަނީ ދުނިޔޭގެ ފެންވަރުގައިވެސް ނަން މަޝްހޫރު ކުންފުންޏެއް ކަމަށް ވާއިރު، މި މަސައްކަތަކީ ވަރަށް ރަނގަޅަށް ކޮލިޓީ ބެލެހެއްޓިގެން ކުރިއަށްދާ މަސައްކަތެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.