ޚަބަރު

"ފަތުރުވެރިކަމުގެ ދާއިރާއަށް 50،000 އެނދު އިތުރުކުރާނަން"


ސަރުކާރުގެ މިދައުރު ނިމުމުގެ ކުރިން ތިރީސް ރިސޯޓް މުޅިން އަލަށް ހުޅުވައި، ފަންސާސް ހާސް އެނދު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ކުރިއަށްގެންދާ އެއްހާސް ފޮޓޯގުރަފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެދަށުން ތަމްރީނުވި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ، ޒުވާނުންނަށް ތަޢުލީމާއި ތަމްރީނުދީ ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާކަމަށެވެ. ފިރިހެނުންނެކޭ އެއްގޮތަށް ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް އަންހެނުންނަށްވެސް އޮންނަންވާނެކަމަށާއި، އަންހެނުންނަކީ ވަކިކަހަލަ ވަޒީފާއެއް އަދާނުކުރެވޭނެ ބައެއްގެ ގޮތުގައި ދެކެމުން އައި ވިސްނުން ބަދަލުކުރަންޖެހޭކަމަށް ރައީސްޔާމީން ވިދާޅުވިއެވެ. ސަރުކާރުން ފަހިކޮށްދެމުންދާ ވަޒީފާގެ ފުރުޞަތުތަކަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ މިދައުރު ނިމެންވާއިއަށް ތިރީސް ރިސޯޓް އަލަށް ހުޅުވައި ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އަލަށް ފަންސާސްހާސް އެނދު އިތުރުމަކީ ސަރުކާރުގެ އަމަޒެއްކަމަށެވެ. މީގެސަބަބުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

ނުވަދިހަ ހަތަރުހާސް ވަޒީފާ އަލަށް އުފެއްދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މީގެތެރެއިން ބޮޑުބައެއް މިހާރުވެސް ފުރިހަމަވެފައިވާކަމަށާއި، ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން މެނިފެސްޓޯގައި ހިމެނޭ ޢަދަދަށްވުގެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.