ކުޅިވަރު

ޕީއެސްއެމް ސްޕޯރޓްސް ޓީމް ތުރުކުމެނިސްތާން ޓީވީގައި


މިހާރު ކުރިއަށްދާ އޭޝިޔަން އިންޑޯ އެންޑް މާޝިއަލް އާރޓްސް ގޭމްސް ކަވަރުކުރަމުންދާ ޕީއެސްއެމް ސްޕޯރޓްސް ޓީމުން ތުރުކެމްނިސްތާން ޓީވީގައި އެމީހުންގެ ތަޖުރިބާ ޙިއްޞާކޮށްފިއެވެ.

އޭބީޔޫއިން ދިން ފުރުޞަތެއްގައި ގޭމްސް ކަވަރުކޮށް ތަޖުރިބާ ހޯދުމަށް ޕީއެސްއެމް ސްޕޯރޓްސްގެ ތިން މެމްބަރުން މިވަގުތު ތިބީ ތުރުކެމްނިސްތާންގައެވެ. އެއީ ސީނިއަރ ޖަރނަލިސްޓް މުޙައްމަދު ރިފްއަތާއި، ކޮމެންޓޭޓަރ ސާއިދު އަހުމަދާއި، ކެމެރާމަން އާދަމް ރަޝީދެވެ. މީގެތެރެއިން ސާއިދުއާއި އާދަމް ރަޝީދު ވަނީ އިއްޔެ ތުރުކެމްނިސްތާން ޓީވީގައި އެމީހުންގެ ތަޖުރިބާ ޙިއްޞާކޮށްފައެވެ. ސާއިދު ބުނީ މިއީ އޭނާއަށް ވަރަށް ތަފާތ ތަޖުރިބާއެއް ކަމަށާއި، މިފުރުޞަތުގެ ސަބަބުން ރާއްޖޭގައި ބާއްވާ މުބާރާތްތައް ކަވަރުކުރުމަށްވެސް ފަސޭހަވެގެންދާނެކަމަށެވެ.

" ވަޞީލަތްތައް މަދުނަމަވެސް ރާއްޖޭގެ މީޑިޔާ ކުރަމުން ގެންދާ މަސައްކަތް ތުރުކެމްނިސްތާނު ޓީވީގައި ފާހަގަކުރިން. އެކި އިވެންޓްތަކުގަ ނޫސްވެރިން ހަރަކާތްތެރިވާ ގޮތް ވަރަށް ގާތުން ފެނި ވަނީ ތަޖުރިބާކުރެވިފަ. އެކި ޤައުމުތަކުގެ ނޫސްވެރިންނާ ބައްދަލުވެ، މަސައްކަތު މާހައުލުގެ ތަޖުރިބާ ޙިއްޞާކުރެވުނު. ތުރުކެމްނިސްތާނުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ. ގޭމްސްއަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ. " ސްޕޯރޓްސް އިވެންޓެއް ކަވަރުކުރުމަށް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް ދިޔަ ސާއިދު ތަޖުރިބާ ޙިއްޞާކުރަމުން ބުންޏެވެ. 

img:http://s4.psmnews.mv/images/660x400/15062501592511.jpg|ތުރުކެމްނިސްތާންގައި ދިވެހި އެތްލީޓެއްގެ އިންޓަރވިއު ޕީއެސްއެމް ސްޕޯރޓްސް ޓީމުން ނަގަނީ

ތަޖުރިބާ ބޮޑު ކެމެރާމަން އާދަމް ރަޝީދުވެސް ބުނީ ގޭމްސްގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށެވެ. މެހްމާންދާރީވެސް ވަރަށް ރަނގަޅު ކަމަށާއި، މިއީ އޭނާއަށްވެސް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

" ހުރހާކަމެއްވެސް ވަރަށް އޯގަނައިޒް. ޓެކްނިކަލީވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮތީ. މިއީ ރަނގަޅު ތަޖުރބާއެއް " މީގެ ކުރިން ސާފް ޗެމްޕިއަންޝިޕްވެސް ކަވަރުކޮށްފައިވާ އާދަމް އޭނާގެ ތަޖުރިބާ ޙިއްޞާކުރަމުން ބުންޏެވެ.

ސީނިއަރ ޖަރނަލިސްޓް މުޙައްމަދު ރިފްއަތުވެސް ބުނީ މީގެކުރިންވެސް ތަފާތު މުބާރާތްތަކަށް ދެވުނު ނަމަވެސް މިއީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށެވެ. ޚާއްޞަކޮށް ބިލިއާޑާއި، ޗެސް ފަދަ ކުޅިވަރުތައް ކަވަރުކުރަން ލިބުމަކީ ތަފާތު ތަޖުރިބާއެއްކަމަށް އޭނާ ބުންޏެވެ.

img:http://s4.psmnews.mv/images/660x400/15062501864358.jpg|ތުރުކެމްނިސްތާންގެ ބައެއް ވޮލަންޓިއަރުންނާއެކު ޕީއެސްއެމް ސްޕޯރތްސް ޓީމް

" އަޞްލު އައީ ޓުއަރއަކަށް. އެކަމަކު އަހަރެމެން ބޭނުންވީ ރާއްޖޭގެ އިވެންޓްތަކެއް ހުރުމުން އިވެނޓްތައް ކަވަރުކުރަން. އަހަރެމެން އައީ ކަވަރުކުރެވޭ ގޮތަށް ތައްޔާރުވެގެން. ވަރަށް ރަނގަޅު ހުރިހާކަމެއްވެސް. ތަފާތު ތަޖުރިބާއެއް މިއީ" ބޮޑަތި ގޭމްސްތަކާއި، އިވެންޓްތައް ކަވަރުކޮށް ޕްރޮޑިއުސްކޮށްފައިވާ ރިފްއަތު ބުންޏެވެ.

ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ފުޓްސެލްއާއި، ބިލިއާޑާއި، ސްވިމިންގއާއި، އެތްލެޓިކްސްއާއި ޗެސްގައެވެ. ހުރިހާ އިވެންޓެއްވެސް ޕީއެސްއެމް ސްޕޯރޓްސް ޓީމުން އަންނަނީ ކަވަރުކުރަމުންނެވެ.