ޚަބަރު

އަލިފާން ރޯވި އެޕާޓްމަންޓްގައި އުޅުނު މީހުންނަށް ބޯހިޔާވަހިކަން


ރޭ އަލިފާނުގެ ހާދިސާ ހިނގި ހ. ފަހާގޭގެ އެޕާރޓްމަންޓްގައި ދިރިއުޅެމުންދިޔަ އާއިލާއަށް ބޯހިޔާވަހިކަން ދެމުން ގެންދާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ އެ އެޕާރޓްމަންޓްގައި ދިރިއުޅެމުންދިޔައީ ތިން އަންހެނަކާއި ފިރިހެނެއްކަމަށެވެ. އަދި މި އެންމެން ރޭ ގެސްޓްހައުސްއަކަށް ބަދަލުކޮށް އެހީތެރިކަން ދެމުން ގެންދާކަމަށެވެ.

ރޭ އިރާކޮޅު ހ.ފަހާގޭގެ ތިންވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެހެންނަމަވެސް އެ ޕާރޓްމެންޓްގައި ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ހ.ފަހާގޭގެ ތިންވަނަ ފަންގިފިލާގައި ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.