ޚަބަރު

މަގުމަތީގެ ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުރުމަށް ހިނގާލުމެއް


މަގުމަތީގެ ރައްކާތެރިކަމުގެ ހަފްތާ 2017 ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މިއަހަރުގެ މަގުމަތީގެ ރައްކާތެރިކަމުގެ ހަފްތާގެ ޝިއާރަކީ "ދުވެލި މަޑުކުރޭ ފުރާނަ ސަލާމަތްކުރޭ" މި ޝިއާރެވެ. މި ހިނގާލުމުގެ މަޤްޞަދަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި އާއްމުން ހޭލުންތެރިކުރުވުމެވެ.

މި ހިނގާލުން ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖެ ތަރައްޤީވަމުން އަންނަ އިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި މަގުތީގައި ދިމާވާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް މަސައްކަތްކުރަން ޖެހިފައިވާކަމަށެވެ.

ވޭތުވެދިޔަ ފަސްއަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގައި ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އަދި މިފަދަ އެކި ހާދިސާތަކުގެ ސަބަބުން އެތައް ބަޔަކު ދަނީ ނުކުޅެދުންތެރިކަން ތަހައްމަލްކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ދިހަ މީހެއް ފުރާނަ ގެއްލިފައިވާއިރު 8 މީހުން މަރުވެފައިވަނީ އެކަށީގެން ނުވާ ވަރުގެ ބާރުމިނުގައި ދުއްވުމުގެ ސަބަބުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.