ޚަބަރު

ޤުރުއާން ކިއެވުމުގެ ޤައުމީ މުބާރާތް ހޯމަ ދުވަހަށް ފަސްކޮށްފި


ކީރިތި ޤުރުއާން ކިއެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

މި މުބާރާތުގެ ކިޔެވުން މިއަދު ފެށުމަށް ހަމަޖެހިފައިވީނަމަވެސް ހޯމަދުވަހުގެ ރެއަށް ފަސްކޮށްފައިވަނީ، ރޮހިންގޔާ މުސްލިމުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީއާއި މީޑިއާތަށް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯން ކުރިއަށްދާތީއެވެ.

މި ފަހަރުގެ މުބާރާތުގައި ދުއިސައްތަ ފަންސާސް ފަސް ބައިވެރިން ވާދަކުރާނެއެވެ. މި މުބާރާތުގެ ކިޔެވުން އޮންނާނީ ހޯމަދުވަހުގެ ރޭ އަށެއްޖަހާއިރު އިސްލާމީ މަރުކަޒުގައެވެ.

ރަށްރަށުގެ ކައުންސިލްތަކާއި، ޖަމިއްޔާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހައިލައިގެންނެވެ. މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފީގައި 66 ބައިވެރިން ވާދަކުރާނެއެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ކިޔެވުމަށްވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ މުބާރާތަށް އިންސާފުކުރާނީ 6 ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މި މުބާރާތުގެ ކިޔެއްވުން ކުރިޔަށްދާނީ 4 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

އެހެން އަހަރުތަކާއި އަޅާ ބަލާއިރު މިފަހަރުގެ މުބާރާތުގެ ބައިވެރިންގެ ޢަދަދު %30 އިތުރުވެފައިވާކަމަށް ޤުރުއާނާބެހޭ މަރުކަޒރުން ވަނީ ވިދާޅުވެފައެވެ. އަދި މި ފަހަރުގެ މުބާރާތުން ވަނަވަނަ ހާސިލުކުރާ ފަރާތްތަކަށްވެސް ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން މަޢުލޫމާތުދެއެވެ.

މުޅި މުބާރާތުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއެއްގެ އިތުރުން އެއްވަނައަށް ދާ ކައުންސިލަކަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހުށައަޅާ އިނާމާއި އަދި ޤުރުއާނާބެހޭ މަރުކަޒުން ހުށައަޅާ އިނާމުވެސް ހިމެނެއެވެ.