ޚަބަރު

ދަނޑުވެރިކަމާގުޅޭ ސާމާނު އަތޮޅުތަކުން މިހާރު ފަސޭޙައިން ލިބޭނެ


ރާއްޖޭގެ ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނު ފަސޭހައިން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެެއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް މިހާރު ރަށްރަށް ދޫކުރާއިރު، އެސަރަހައްދުގައި ހުރި ރަށްރަށަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދެންޖެހޭނެކަމަށެވެ. އަދި ރަށްރަށުގެ ދަނޑުވެރިން ހައްދާތަކެތި މާކެޓްކޮށްދިނުމަކީވެސް އެސަރަހައްދެއްގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާރަށުގެ ޒިންމާތަކުގެތެރޭގައި ހިމެނޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ، ދަނޑުވެރިކަން ކުރަން ބޭނުންވާ ސާމާނު ލިބުން ދަތިވާނަމަ، ނުވަތަ ހައްދާތެކެތި މާކެޓްކުރުމަށް ދަތިވާނަމަ މިނިސްޓްރީއަން އެންގުމުން އެކަން ހައްލުކޮށްދެއްވާނެކަމަށެވެ.

ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެތެރޭގައި ދަނޑުވެރިކަމުގެ ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދާ، ދަނޑުވެރިންނަށް ފަސޭހައިން ލޯނުލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަން އެގްރިކަލްޗަރ މިނިސްޓްރީން ފާހަގަކުރެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ކުރުމަށް ހަތް ކޯޕަރޭޓިވް ސޮސައިޓީ މިހާރު ވަނީ އުފައްދާފައެވެ.