ކުޅިވަރު

މާޅޮސް ބަލިކޮށް، މާޒިޔާ ފުރަތަަ ބުރު ނިންމާލައިފި


ތިނެއް ސުމަކުން މާޅޮސް ބަލިކޮށް، އުރީދު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު މާޒިޔާ ނިންމާލައިފިއެވެ. 

ފުރަތަމަ ބުރުގައި މިދެޓީމް ކުޅުނު ފަހު މެޗުގައި މާޒިޔާއަށް ލީޑް ލިބުނީ 33 ވަނަ މިނިޓްގައި މާޅޮސް ޓީމްގެ އަބުދުﷲ އިބްރާހީމް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މުޙައްމަދު އުމެއިރު ނަގައިދިން ކޯނަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަނީ ގޯލްގެ ކަނަށެވެ. ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން އަށް ވަނަ މިނިޓްގައި ކެރިކް ޖަހައިދިނީ މުޙައްމަދު އުމެއިރު ތިރިތިރިން ހުރަސްކޮށްލި ބޯޅައިންނެވެ. އުމެރިއު ހާފްގެ މެދަކާ ހިސާބުން ބޯޅައާއެކު ކުރިއަށް އަރާ ކެރިކްއަށް ދިނީ ގޯލް އޭރިޔާ ތެރެއިންނެވެ. ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމުން ކާމިޔާބުކޮށްދިނީ އުމެއިރުއެވެ. މެޗުގައި މާޒިޔާއިން ޖެހި ތިން ލަނޑުގައިވެސް އުމެއިރުގެ ދައުރު ބޮޑެވެ. 

މިމޮޅާއެކު މާޒިޔާއަށް ހަތް މެޗުން ސޯޅަ ޕޮއިންޓް ވަނީ ލިބިފައެވެ. އެއީ ފަސް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެގެންނެވެ. ފުރަތަމަ ބުރުން އެއްވަނަ ކަށަވަރުކުރި ނިއުރޭޑިއަންޓާ މާޒިޔާއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަޤެކެވެ. މާޅޮސް އޮތީ ދެމެޗުން އެއްވަރުވެ ލިބުނު ދެ ޕޮއިންޓާއެކު ހަތްވަނާގައެވެ.