ޚަބަރު

ކުރީގެ ސަރުކާރުތަކުން ގެންގުޅުނީ ދޯހަޅި ސިޔާސަތުތަކެއް- ޝައިނީ


ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ޙަވަލުވެވަޑައިގަތްއިރު، ރާއްޖޭގެ އިޤްތިސާދު ހީނަރުވެފައިވަނީ ކުރީގެ ސަރުކާރުތަކުގެ އިޤްތިސާދީ ސިޔާސަތުގެ ދޯހަޅިކަމުންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރުކުރިއަށްދާ އދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ވަޑައިގެން ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވެ، މިސަރުކާރުން މަސައްކަތް ކުރަންޖެހެނީ ސުމަކުން ކަމަށެވެ. އެކަން އެގޮތަށް ދިމާވީ ކުރީގެ ސަރުކާރުތަކުން އިގްތިސާދީ ރަނގަޅު ސިޔާސަތުތަކެއް ނުގެންގުޅުމުގެ ސަބަބުން ކަމަށްވެސް ޑރ.ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ މިއަދުގެ ސަރުކާރުން ބޭރުގެ ޤައުމަތަކަށްގޮސް ދިވެހިން ތަރައްގީ ބޭނުންވާ ވާހަކައާ ދިވެހިންވެސް ކުރިއަރަން ބޭނުންވާކަން ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަން އެގޮތަށް ކޮށްފައި ނުވިޔަސް މިއަދުގެ ސަރުކާރުން އެ މަސައްކަތް ކުރަން ނުޖެހޭނެކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ދުނިޔޭގެ އެހެން ގައުމުތަކަށް ވިސްނައިދީފައި ވަނީ ރާއްޖެއަކީ އަޑިއަށް ހިނގައިދާނެ މިޤައުމާމެދު އެއްވެސް އުންމީދެއްނެތް ގައުމެއްގެ ގޮތުގައި ކަމަށާ، ރާއްޖޭގައި ދިރުމެއް ނެތް ވާހަކަތައް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖެއަށް އަންނަމުންދާ ތަރައްޤީގެ ސަބަބުން އެކަން މުޅި ދުނިޔެވެސް ދޮގު ކުރާ ކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

ޑރ.ޝައިނީ ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއިން މިއަދު ހޯދަމުންދާ ތަރައްޤީގެ ނަތީޖާއަކީ ދުނިޔޭގެ ޤައުމުތަކުން ރާއްޖެއަށް އިތުބާރުކޮށް ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް އެހީތެރިވުން ކަމަށެވެ. މިއަދު ރާއްޖެއަކީ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓުން އުނިވެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ފައިތިލަ ސާބިތުކޮށްގެން އޮތް ގައުމެއްކަން ހާމަކުރަމުން މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވީ ރާއްޖެއިން ތަރައްޤީގެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދަންޖެހެނީ ކުރިއަށްވުރެ ތަފާތުކޮށް ކަމަށެވެ.

ރާއްޖެއިން މިހާރު ބަލަނީ ރާއްޖެއާއެކު މަސައްކަތް ކުރާ ޤައުމުތައް ހޯދުމަށް ކަމަށާއި އެހެންކަމުން މިއަދު ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށްވެސް އެކަމުން ފައިދާ ކުރާނެ ކަމަށްވެސް ޑރ.ޝައިނީ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭރުގެ ގައުމުތަކުން ދޭ ފައިސާގެ އެހީއަކީ ހަމަ ތިބެފައި ޤައުމުތަކުން ދޭ ފައިސާ ނޫން ކަމަށް ވިދާޅުވެ، ޑރ.ޝައިނީ ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުތަކަކީ މުޅި ދުނިޔެވެސް ގަބޫލުކުރާ ސިޔާސަތެއް ކަމަށެވެ.