ޚަބަރު

ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމްގެ ތައުރީފް، ރައީސް ޔާމީންއަށް


ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމަކީ، ދިވެހިރާއްޖޭގައި މިވަގުތުހުރި އެންމެ ބޮޑު އެއް، ދީނީ ޢިލްމުވެރިޔާއެވެ. ދީނީ ތަޢުލީމު ޙާޞިލްކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ދިވެހިރާއްޖޭގެ ދީނީކަންކަން ހަރުދަނާކުރެއްވުމުގެ މަސައްކަތް ފަށްޓަވައި، މިއަދާހަމައަށްވެސް އެމަސައްކަތުގައި އެމަނިކުފާނު ދެމިހުންނެވުމަކީ ފާހަގަކޮށްލަންޖެހޭކަމެކެވެ. އެމަނިކުފާނު މިހާރު ހުންވީ އިސްލާމިކް މިނިސްޓްރީގެ ވަޒީރުން ފެންވަރުގެ އެޑްވައިޒަރުގެ މަޤާމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި، ރާއްޖޭގެ ތަރީޚްގައި ފުރަތަމަ ފަހަރަށް ޤާއިމުކުރި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވަނީ އެމަނިކުފާނުއެވެ.

ފަޟީލަތުލްއުސްތަޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްގެ ދީނީ އަދި ޤައުމީ ޚިދުމަތުގެ ބޮޑުބައި ހޭދަކުރައްވާފައިވަނީ ރައީސް މައުމޫންގެ ސަރުކާރުގައެވެ. އެގޮތުން އެމަނިކުފާނުވަނީ ރައީސް މައުމޫނުގެ ސަރުކާރުގެ ޖަސްޓިސް އެންޑް އިސްލާމިކް މިނިސްޓަރުކަމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު އަދާކުރައްވާފައިވާ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ދީނީ ޚިދުމަތްތެރިއެއްވެސްމެއެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި އެދެބޭފުޅުން ފާހަގަކުރެވިގެންދިޔައީ، ވަރަށް ގާތުން އެކުގައި މަސައްކަތްކުރެވި ދެބޭފުޅުންގެ ގޮތުގައެވެ. ރައީސް މައުމޫން ފަދަ ދީނީ ޢިލްމުވެރިއެއްގެ ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ދިވެހިރާއްޖޭގައިހުރި އެންމެ ބޮޑު އެއް، ދީނީ ޢިލްމުވެރިޔާ ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ދިވެހިރާއްޖޭ އިސްލާމްވިފަހުން ވެރިކަންކުރެއްވި އެއްވެސް ވެރިޔަކު ދިވެހިރާއްޖޭގެ އިސްލާމީ ކަންކަން ހަރުދަނާ ކުރެއްވުމަށް މަސައްކަތް ނުކުރައްވާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަސައްކަތްކުރައްވާފައިވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/15060919927852.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

އިސްލާމީ އާއަހަރު ފާހަގަކުރުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިދާރާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިފަހުން މިވީ އަހަރުތަކުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ޤާއިމުކުރެއްވީ މިސަރުކާރުންކަން ފާހަގަކުރަންޖެހޭކަމަށެވެ.

"މިފަދަ މުއައްސަސާއެއްގެ މުހިއްމުކަން ރާއްޖޭގައި ބޮޑުވެފައިވާއިރު، މިފަދަ މުޢައްސަސާއެއް އަދުގެ  ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނުއްވައިގެން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން އުފެއްދެވިކަމީ، ފާހަގަކުރުން ހައްޤުކަމެއް. މިއީ އުމްރާނީގޮތުން ރާއްޖެއިން  ހޯދަމުން އަންނަ ކުރިއެރުންތަކާއެކު، އިސްލާމީ ދައުލަތެއްގެ މައުނަވީ  ރުކުންތައް ފުރިހަމަކުރުމުގައި ރައީސް ޔާމީން އެޅުއްވި ހަރުދަނާ ފިޔަވަޅެއް" ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިއެވެ.

އިސްލާމްދީން ރާއްޖޭގައި ކުރިއެރުވުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި މުހިންމުކަންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެކަމަށާއި، އިސްލާމީ އުސޫލުތައް ރާއްޖޭގައި ދަމަހައްޓަވާނެކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަކީ، އިސްލާމް ދީން ހިމާޔަތްކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މިވަގުތުހުރި އެންމެ ބޮޑު އެއް، ދީނީ ޢިލްމުވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ތައުރީފްކުރެއްވި ކުރެއްވުމަކީ، މި ސަރުކާރުން ދީނީ ސިޔާސަތުތައް އިސްކަންދޭ މިންވަރު އަންގައިދޭކަމެކަން ފާހަގަކޮށްލަންޖެހެއެވެ. 

ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރެވުމުން ނުދާކަމުގެ ތަޞައްވުރު ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ މިވާހަކަފުޅުން ދޭހަވަނީ އެފަރާތްތަކުން އެދައްކަވަމުންދާ ވާޙަކަކަތަކަކީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއްކަމެވެ.