ޚަބަރު

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން އާދީއްތަދުވަހު


އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ފެށުމަށް ތާވަލްކޮށްފިއެވެ. 

ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ ހިޔާނާތުގެ އެއްތިރީސް ދައުވާއެއް އުފުލާފައެވެ. މި ހުރިހާ ދައުވާއެއްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެއް ޝަރީޢަތުގެ މަޖިލީހުގައެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ އެއްތިރީސް ދައުވާއަކީވެސް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން ރިސޯރޓް ތަރައްގީކުރުމަށް ރަށްރަށާއި ފަޅުތައް ދޫކުރުމުގައި ޚިޔާނާތެރިވެފައިވާކަމަށް ބުނެ އުފުލާފައިވާ ދައުވާތަކެކެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނަތުގެ އިތުރު މައްސަލަތަކެއް އަޑުއެހުން ފަށާއިރު އެނާ މިހާރުވެސް ގެންދަނީ އެމްއެމްޕީއާރުސީގެ ފައިސާތަކަށް ހިޔާނަތްތެރިވި ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި މިހާތަނަށް ހިންގާވައިވާ އެންމެ ބޮޑު ހިޔާނާތްކަމަށްވާ އެމް.އެމް.ޕީ.އާރ.ސީގެ 1.2 ބިލިއަން ރުފިޔާއަށް ވީ ނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މި ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުވެސް އަންނަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ދައުލަތުން ވަނީ އަދީބާއި ދެކޮޅަށް ހިޔާނާތުގެ އިތުރު 9 ދައުވާއެއް އުފުލާފައެވެ.