ޚަބަރު

ރާއްޖެއަކީ އދ އިސްދައުރެއް އަދާކުރާ ޤައުމެއް- ފޮރިން މިނިސްޓަރ


އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެ ވިތާ 52 އަހަރު ފާހަގަކުރާއިރު، އެންމެ ބޮޑު ކާމިޔާބީއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި ވަރަށް އިސްދައުރެއް އަދާކުރާ އަދި ބަސްވިކޭ ޤައުމަކަށް ރާއްޖެ ވެފައިވާކަން ކަމަށް ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ. 

އެމެރިކާގެ ނިއުޔޯކްގައި މިހާރުކުރިއަށްދާ އދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމް ވިދާޅުވީ، އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެވުމަށްފަހު ފާއިތުވި ފަންސާސް ދެ އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތައް ރާއްޖެއިން ޙާސިލްކޮށްފައިވާކަމަށެވެ. ރާއްޖެއަކީ ކުޑަ އަދި ވަޞީލަތްތައް މަދު ޤައުމެއްނަމަވެސް ބައިނަލްއަޤްވާމީ މައިދާނުގައި ރައްޖެއިން ވަރަށް އިސްދައުރެއްއަދާކުރަމުން އަންނަކަމަށާއި، އެއީ ސަރަޙާއްދީ އަދި އެހެން ޤައުމުތަކަށްވެސް ނަމޫނާ ދައުރެއްކަމަށެވެ. 

ޚާއްޞަކޮށް ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި، ރާއްޖެ އިޤްތިޞާދީ ގޮތުން ހޯދަމުން އަންނަ ކުރިއެރުމާ ތަރައްޤީގެ ރޮނގުން ހާސިލްކުރާ ކާމިޔާބީތަކާ އިންވެސްޓަރުންނަށް ފަހި ތަނަކަށް ރާއްޖެ ވުމަކީ، ބައިނަލްއަޤްވާމީ ދުނިޔެ ބަލައިގަންނަކަމެއްކަމަށެވެ. އދ.ގައި ކުރިއަށްދާ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ މަޝްވަރާތަކުގައި އެކަން ޤައުމުތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ފާހަގަކޮށް ތަޢުރީފްކުރާކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ. 

ބައިނަލްއަޤްވާމީ މައިދާނުގައި އެހެން ޤައުމުތަކުގެ ފަރާތުން ވަކަލާތުކުރަން ރާއްޖެއަށް ފުރުޞަތު ލިބުމަކީ ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއިން ހާސިލްކުރި ބޮޑު ކާމިޔާބީއެއްކަމަށާއި، އެގޮތުން އެއޯސިސްގެ ޗެއަރގެ ހައިސިއްޔަމުން ލީޑަރޝިޕް ރޯލެއް އދ.ގައި އަދާކުރުމާއި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ދެ ދައުރު ރާއްޖެއިން ފުރިހަމަކުރުން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/15059156034767.jpg|އދގެ 72 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ ބޭފުޅުން / ފޮޓޯ: ފޮރިން މިނިސްޓްރީ

ބައިނަލްއަޤްވާމީ މައްސަލަތަކުގައި ވަރަށް ފުރިހަމަ ދައުރެއް އަދާކޮށް، ޜާއްޖޭގެ ވާހަކަތައް ބޮޑެތި ކުރިއަރާފައިވާ ޤައުމުތަކުން ޤަބޫލުކޮށް ޢަމަލުކުރަމުން އައުމަކީވެސް ކާމިޔާބީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ މައްސަލަތަކާއި، މިޔަންމާގެ މައްސަލައާއި ސީރިއާ އަދި ފަރަސްތީންގެ މައްސަލަތަކުގައި އދ.ގައި ރާއްޖެ އަދާކުރަމުންދާ ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ކުޑަ އަދި ވަސީލްތަތައް މަދު ޤައުމެއްކަމުން ދުނިޔޭގެ ކަންކޮޅުތަކުގައި ޜާއްޖޭގެ މިޗަންތައް މަދުކަން ފާހަގަކުރައްވަމުން މިނިސްޓާރ ވިދާޅުވީ، ލެޓިންގެ އެމެރިކާއާއި ސެންޓްރަ އެމެރިކާ އަދި އެފްރިކާގެ ޤައުމުތަކާ ސިޔާސީ ގުޅުން ބަދަހިކުރުމަށް އިސްކަންދެއްވާކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެ ޤައުމުތަކުން ޝައުޤުވެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.