ޚަބަރު

ޒުވާނުން ތަމްރީންކުރުމަށް ސްކޮލަރޝިޕްތަކެއް ހުޅުވާލަނީ


ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމަށް އިތުރު ސްކޮލަރޝިޕްތަކުގެ ފުރުސަތުތަކެއް ހުޅުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި، ހިމެނޭ މި ޕްރޮގްރާމް އަންނަ އަހަރު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގެ ސިނާއަތްތައް ކުރިއަރަމުން އަންނަ މިންވަރަށް ބަލާ، ހުނަރުވެރި ޒުވާނުން ބިނާކުރުމަކީ ރައީސް ޔާމީން ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. އެގޮތުން އަލަށް ހުޅުވާލާ ސްކޮލަރޝިޕްތަކަކީ ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި ގުޅިގެން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބިގެންދާ ސްކޮލަރޝިޕްތަކެއްކަން ނަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން ސްކޫލް ނިންމާ ދަރިވަރުންނަށް ތަފާތު ހުނަރު ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ބީ-ޓެކްގެ އޯލެވެލް އަދި އޭލެވެލް ފެންވަރަށް ރާއްޖޭގައި ކިޔަވައިދެމުންނެވެ.