ދުނިޔެ

ލާއިންސާނީ އަނިޔާ ނުދިނުމަށް ވަނީ އަންގާފައި- މިޔަންމާ


މިޔަންމާގެ ރަކާން ސްޓޭޓްގައި އެޤައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންގައި މަޢުސޫމު ފަރާތްތަކުގެ ފުރާނައަށް ގެއްލުން ނުދިނުމަށާ ބޭނުން ނެތް އެހެނިހެން ގެއްލުންތައް ނުދިނުމަށް މިޔަންމާގެ ސަރުކާރުން އަސްކަރިއްޔާއަށް އަންގާފައިވާނެ ކަމަށް މިޔަންމާގެ ނާއިބު ރައީސް ހެންރީ ވެން ތިއޯ ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގައި ކުރިއަށްދާ އދގެ ޢާއްމު މަޖިލީހުގެ 72 ވަނަ ޖަލްސާގައި ތަޤްރީރު ކުރައްވަމުން މިޔަންމާގެ ނާއިބު ރައީސް ތިއޯ ވިދާޅުވީ، މިޔަންމާގެ ރަކާން ސްޓޭޓްގެ މިހާރުގެ ހާލަތާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށާ އެ ސަރަހައްދުގައި އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންގައި އާއްމުންގެ ފަރާތްތަކަށް ފުރާނައަށާ މުދަލަށް ގެއްލުން ވާނެ ފަދަ ކަންކަން ނުކުރުމަށް މިޔަންމާގެ ސަރުކާރުން އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށެވެ. އަދި ރަކާން ސްޓޭޓްގައި ހިންގާ އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ޖަރީމާތަކަށް މިޔަންމާގެ އިންސާފުގެ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް މިޔަންމާގެ ނާއިބު ރައީސް ވިދާޅުވިއެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު މިޔަންމާގެ ހަނގުރާމަވެރި ޖަމާޢަތަކުން ދިން ކަމަށް ބުނާ ހަމަލާއެއްގެ ރައްދުގައި އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންގައި ވަނީ މިޔަންމާގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެކި އެކި ޖަރީމާތައް ހިންގާފައެވެ. މި ގޮތުން، ރޮހިންޔާ މުސްލިމުންގެ ގެތަށް އަންދާ، އަންހެނުން އިއްފަތްތެރިކަން ނަގާލާ، އެއްވެސް ބެލުމެއް ނެތި އެނަސްލުގެ މީހުން ރަހުމުކުޑަ ގޮތްގޮތަށް މަރަމުންދާ ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ.

އަސްކަރިއްޔާގެ އަނިޔާތަކުގެ ސަބަބުން ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ހަތަރުސަތޭކަ އެކާވީސް ހާސް މީހުން މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ރޮހިންޔާ މުސްލިމުން ނޫން ކަމަށާ މިޔަންމާގެ ބައިމަދު އެހެން ނަސްލުގެ މީހުން ވެސް ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ ކަމަށް މިޔަންމާގެ ނާއިބު ރައީސް ވިދާޅުވިއެވެ.

މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމުގައި މިޔަންމާގެ ސަރުކާރުން ނުކުޅެދިފައި ވާތީ އެޤައުމަށް ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ފާޑުކިއުންތައް އަމާޒުވެފައެވެ.