ޓުއަރިޒަމް

އަލިޓްރިޕުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިއްޖެ


ޗައިނާގެ އިތުރުން ދުނިޔޭގެ އެންމެބޮޑު އީކޮމާސް ކުންފުނި، އަލިބާބާގެ އަލިޓްރިޕަށް ދިވެހިރާއްޖޭގެ ކުންފުނިތައް ތައާރަފް ވުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނޭ ކަމެއްކަމަށް އަލިޓްރިޕުން ބުނެފިއެވެ.

މަޝްހޫރު އަލިބާބާގެ ޓްރެވަލް ޑިވިޝަން އަލިޓްރިޕުން ވަނީ، އެކުންފުނީގެ ރާއްޖޭގެ އޭޖެންޓުންގެ ގޮތުގައި ދިވެހިރާއްޖޭގެ 5 ކުންފުންޏަކާއިއެކު ސޮއިކޮށްފައެވެ. މި ރަސްމިއްޔާތަށްފަހު ޕީއެސްއެމްނިއުސްއާ ވާހަކަދައްކަމުން އަލިޓްރިޕްގެ ޖެނެރަލް މެނޭޖަރ އޮފް ހޮޓެލް ބިޒްނަސް ފްރޭންކް ހުއަންގ ވިދާޅުވީ، އަލިޓްރިޕް ފަދަ ދުނިޔޭގެ އެންމެބޮޑު އީ ކޮމަރސް ޕްލެޓްފޯމްގެ ތެރެއަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވަނުމަކީ އެކަމުގެ މަންފާ އެ ކުންފުނިތަކުގެ އިތުރަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ކުރާނެކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް އައުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، އަލި ޓްރިޕްގެ ތެރެއަށް ދިވެހި ރިސޯޓްތައް ވަދެގެންދިއުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ. މޯލްޑިވިއަން މެދުވެރިކޮށް ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ކުރިއަށްއޮތްތަނުގައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވެގެންދާނޭކަމަށް ހާރިސް ވިދާޅުވިއެވެ.

އަލިޓްރިޕްގެ ދިވެހިރާއްޖޭގެ ޕާޓްނަރ އަދި އައިލެންޑް އޭވިއޭޝަނުގެ ޗައިނީސް ޕާޓްނަރ ކުންފުނި ގްރޭންޑް ވިޝަންގެ މެނޭޖިންގ ޑިރެކްޓަރު ޗެން ލިއޯ ވިދާޅުވީ، އަލި ޓްރިޕްގައި ރާއްޖޭގެ ކުންފުނިތައް ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޗައިނާ މާކެޓް އިތުރަށް ފުޅާވެގެންދާނޭކަމަށެވެ. ލިއޯ ވިދާޅުވީ ޗައިނާ މާކެޓް ފުޅާކުރުމަށް މޯލްޑިވިއަންއާއެކު އެކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއްކަމަށެވެ.

އަލިޓްރިޕްގެ އޭޖެންޓުންގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ސޮއިކުރި 5 ކުންފުންޏަކީ، އަދާރަން، މަނަފަރު، އައިލެންޑް ހައިޑްއަވޭ، ވިލާ ޓްރެވަލްސް، ސްޕްލެންޑެޑް، އަދި ލިލީ ބީޗްއެވެ.  ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ޗައިނާއިން ދިވެހިރާއްޖެއަށް އެއްސަތޭކަ ހަތްދިހަ ފަސްހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.