ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭ ޚާއްޞަ ސެޝަންތަކެއް


ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކެއް އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.

މި ސެޝަންތަކަކީ މިނިސްޓްރީ އޮފް އެންވާރަމެންޓް އެންޑް އެނާޖީއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ ސެޝަންތަކެއް. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކޮށްގެންނެވެ.

މި ސެޝަންތަކުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ މަޢުލޫމާތުދިނުމާއި، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތަކާއި ސިވިލް ސޮސައިޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް، މި ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އަދާކުރެވޭނެ ދައުރާއި ބެހޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކޮށްފައިވެއެވެ. މި ސެޝަންތައް ރާއްޖޭގެ 16 އަތޮޅެއްގައި ކުރިއަށްގެންގޮސްފައިވާއިރު، އަންނަ އޮކްޓޯބަރމަހުގެ ތެރޭގައި ހުވަދު އަތޮޅުގައިވެސް މިފަދަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އޮކްޓޯބަރމަހު ބޭއްވުމަށް ހަމަޖެހިފައިވާ "ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންސް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް 2017" އަށް ތައްޔާރުވުމަށް ކުރިއަށްގެންދާ ސެޝަންތަކެކެވެ. މި ފޯރަމަކީ ޖަމްޢިއްޔާ ޖަމާތްތަކުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރާ މަސައްކަތްތަކާއި، ކުރުމަށް ރޭވިފައިވާ މަސައްކަތްތަކާއި، ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، އަދި ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނެ މަގުޗާޓެއް އެކުލަވާލުމަށް ބާއްވާ ފޯރަމެކެވެ.