ކުޅިވަރު

ފުރަތަމަ ބުރުން އެއްވަނަ ނިއުއަށް!


އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ ބުރުން އެއްވަނަ ނިއުރޭޑިއަންޓް ޔަގީންކޮށްފިއެވެ.

އެ ޓީމު އެއްވަނަ ކަށަވަރު ކުރީ މިއަދު ހަވީރު ކުޅުނު ފުރަތަމަ ބުރުގެ ފަހު މެޗުގައި ތިނަދޫ އަތުން 2-1 އިން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ނިއު އަށް ޖަހައިދިނީ މިޑްފީލްޑަރު ކަންޑޭލާއެވެ. ތިނަދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފު ނިމިނިމި އޮއްވައި ނައިޖީރިއާގެ ޑިފެންޑަރު ސައިސީޑޯ ރޮޑްރިގޭޒްއެވެ

ލަނޑުޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ނަގާލުމަށްފަހު މެޗުން ނިއު މޮޅުކޮށްދިން ލަނޑު 69 ވަނަ މިނިޓްގައި ޖަހައިދިނީ އެޑްރިއަން ގަލާޑޯއެވެ.

މި މޮޅާއެކު ނިއު އަށް ފުރަތަމަ ބުރު ނިމޭއިރު ތާވަލްގެ އެއްވަނަ ޔަގީންވަނީ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ތިނަދޫ އަށް ލިބިފައިވަނީ ހަތް މެޗުން 10 ޕޮއިންޓެވެ. އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ ލީގުގެ ފަސް ވަނާގައެވެ. 

މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ އޭނާގެ ޓީމުގެ ކުޅުންވެސް ރަނގަޅު ކަމަށާއި މެޗާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"އުނދަގޫ މޮޅެއް މިއީ، މެޗަށް ނިކުތްއިރުވެސް އެކަން އިނގޭ، ޑިފެންސްގައި މައްސަލަތަކެއް ފާހަގަވި. އެކަން ރަނގަޅުކުރުން ކުރިއަށްއޮތީ، ޖުމްލަކޮށް މެޗުގައި ޓީމުން ރަނގަޅަށް ކުޅުނު " ބުރޫޒޮން ބުންޏެވެ. 

ތިނަދޫ ކޯޗު މެޗަށް ވުރެ ބޮޑަށް ޝަކުވާ ކުރީ އޭނާގެ މެނޭޖްމަންޓަށް. ކޯޗު މާޓިނޭޒް މެނުއަލް ބުނީ ފުރަތަމަ 11 ނަގާނީ އޭނާ ކަމަށާއި ޕްރެކްޓިހަށް ނާންނަ ކުޅުންތެރިން ފުރަތަމަ 11 އަށް ލުމަށް މެނޭޖްމަންޓުން ބާރު އަޅާ ކަމަށެވެ،

"އަހަންނަކީ މި ޓީމްގެ ކޯޗު, ފުރަތަމަ އެގާރަ ނިންމާނީ އަހަރެން، މެނޭޖުމަންޓުން ބޭނުންވާ ގޮތަށް ފުރަތަމަ އެގާރަ ނުނަގާނަން، އެގޮތަށް ޕްރެޝަރު ނުކުރުމަށް ގޮވާލަން" މާޓިނޭޒް ބުންޏެވެ.