ކުޅިވަރު

ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އިންޒާރު ދީފި!


ކުލަބު ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އެކުލަބަށް އެފްއޭއެމުން އިންޒާރުދީފިއެވެ. 

ކުލަބު ގްރީން ސްޓްރީޓްސްއަށް އެފްއޭއެމުން އަދަބުދީފައިމިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ގްރީން ބައްދަލުކުރި މެޗުގެ 53 ވަނަ މިނެޓުގައި ރެފްރީގެ ނިންމުމާމެދު ގްރީނުން ހިތްހަމަ ނުޖެހުން ފާޅުކުރުމާއެކު އެ މެޗު ކުރިއަށް ނުގެންދެވި ނިންމާލަން ޖެހުނު މައްސަލައާއި ގުޅިގެންނެވެ. 

ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ގްރީން ސްޓްރީޓްސް 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ގްރީނުން މިފަދަކަމެއް ތަކުރާރުކޮށްފިނަމަ މިފަދަ ކަމަކަށް އެންމެ ހަރުކަށި އަދަބުދޭނެކަމަށް ބުނެ އެފްއޭއެމުންވަނީ ގްރީނަށް އިންޒާރުދީފައެވެ. 

މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ކުޅުން ހުއްޓާލަންޖެހުނީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީންގެ ސުބޮލް އިލިއާއަށް، ރެފްރީ ނިއުޝާދާ ރީނދޫ ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ރެފްރީގެ ނިންމުމަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ގްރީނުގެ ޝައްފާޒު އަދި ކުލަބުގެ އޮފިޝަލުންވަނީ މެޗު ކުރިއަށްގެންދިޔުމަށް ހުރަސް އަޅާފައެވެ.