ކުޅިވަރު

ވައި 18 ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވާން ހުޅުވާލައިފި


ވައި އެއިޓީން ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެބޮޑު ކުޅިވަރު ފެސްޓިވަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. 

ރާއްޖޭގެ ކޮންމެ ރަށަކުން ޓީމެއް ވާދަކުރާގޮތަށް، މުޅި ރާއްޖޭގައި ކުރިއަށްގެންދާ ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށެވެ. 

މުބާރާތުގައި އަތޮޅުތަކުގެ ޗެމްޕިއަނުންނަށް ފައިސާގެ އިނާމްގެ ގޮތުގައި ބައިލައްކަ ރުފިޔާ ލިބޭނެއެވެ. ޒޯން ޗެމްޕިއަނުންނަށް އެއް ލައްކަ ރުފިޔާ ލިބޭ ގޮތަށް ހަމަޖައްސާފައިވާއިރު، މާލޭގައި ކުޅޭ ފައިނަލް ބުރުގެ ޗެމްޕިއަން ޓީމަށް ދެ ލައްކަ ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ބުރަކުން ދެވަނައަށްދާ ޓީމާއި ފެއަރ ޕްލޭ ޓީމަށްވެސް ފައިސާގެ އިނާމް ލިބޭނެއެވެ. 

ވައި އެއިޓީން ސްޕޯޓްސް ފިއެސްޓާގައި ހިމެނެނީ ޒުވާނުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ "ފުޓްސަލް" މުބާރާތަކާއި އަންހެން ބޭފުޅުންނަށް ޚާއްސަ ވޮލީ މުބާރާތެވެ.