ޚަބަރު

އަނަސް މަރާލި މައްސަލައިގައި 2 މީހަކު ހޯދަނީ


މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ގަރާޖުގައި ތޫނު އެއްޗަކުން ހަމަލާދީ މުޙައްމަދު އަނަސް މަރާލި މައްސަލައިގައި ދެމީހަކު ހޯދަން ފަށައިފިއެވެ. 

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤުކުރަމުންދާ މައްސަލައިގައި ހޯދަމުންދަނީ ތ.ކިނބިދޫ، ގުލްފާމުގެ އުމުރުން އެކާވީސް އަހަރުގެ މުޙައްމަދު ސާޒް އާއި މ.ލޮނުމިދިލިގޭ އެކާވީސް އަހަރުގެ އަފްރާޙް ޢަބްދުއްރައްޒާޤްއެވެ.

ފުލުހުން ބުނީ، ޝާޒް އާއި އަފްރާޙް ހޯދަމުންދަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީ މަރާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައިކަމަށެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަނަސްގެ މަރުގެ މައްސަލައިގެ އިތުރުން ދާދިފަހުން މާލޭގައި ހިންގި މާރާމާރީތަކާއި ގުޅުންހުރި ފަރާތްތައް ހޯދުމަށް ފުލުހުންވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. 

މި އޮޕަރޭޝަންގެ ތެރެއިން އެމައްސަލަތަކާއި ގުޅުހުންހުރި މީހުން މީގެކުރިންވެސް ހައްޔަރުކޮށް އެމީހުންގެ ތަހުޤީގުތައް ދަނީ ހިންގަމުންނެވެ.