ޚަބަރު

އދގައި ރާއްޖެއިން މުހިއްމު މަސައްކަތްތަކެއް ކުރާނެ


އ.ދ. ގެ 72 ވަނަ އާއްމު ބައްދަލުވުން އެމެރިކާގެ ނިއު ޔޯކްގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

އ.ދ. ގެ 72 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވާ ދިވެހި ވަފުދުގެ އިސްވެރިޔާ އަކީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމްއެވެ. ފޮރިން މިނިސްޓަރގެ އިތުރުން، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ، އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް އަދި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ، ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު، ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރުގެ އިތުރުން ސެކްރެޓަރީ ބައިލެޓެރަލް އަހުމަދު ޚަލީލުވެސް މިވަފްދުގައި ހިމެނިވަޑއިގަންނަވައެވެ.

އ.ދ. ގެ 72 ވަނަ އާއްމު ބައްދަލުވުމުގެ ތެރެއިންނާއި ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން މުހިއްމު އެކި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓާލުމާއި، ހައްދު ފަހަނަ އަޅާ ދިޔުން ކުޑަކުރުމަށް މުޖުތަމަޢުގެ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތައް ދެނަގަތުމާއި ކަނޑުތައް ޙިމާޔަތް ކުރުމާއި ގުޅޭ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުގެ އިސްވެރިންނާއިވެސް ދިވެހި ވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.