ޚަބަރު

ރައީސް، މެކްސިކޯގެ ރައީސްއަށް ތައުޒިޔާ ވިދާޅުވެއްޖެ


މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، މެކްސިކޯގެ ރައީސް އެންރިކޭ ޕެނާ ނީޓޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ނުހަނު ކަންބޮޑުވުމާއިއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މެކްސިކޯގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.