ކުޅިވަރު

ހަމޭސް ރޮޑްރިގޭޒްގެ މޮޅުކުޅުމާއެކު ބަޔާން އެއްވަނައަށް


ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާންމިޔުނިކަށް ބަދަލުވި ކޮލަމްބިޔާގެ ފޯވާޑް ހަމޭސް ރޮޑްރިގޭޒް އެކުލަބަށް ޖަހައިދިން ފުރަތަމަ ގޯލާއެކު މޮޅުވެ، ބަޔާންމިޔުން ވަގުތީ ގޮތުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. 

ޖަރުމަނުގެ ބުންޑަސް ލީގުގައި ރޭ ބަޔާން މިޔުނަކިޔާއި ޝާލްކޭ ބައްދަލުކުރި މެޗް ބަޔާން ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މި މެޗްގެ ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ. ބަޔާން މިޔުނިކަށް ރެފްރީ ޕެނަލްޓީ ދީފައިވަނީ، ޝާލްކޭ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަޔާން ކުޅުންތެރިން އެޕީލް ކުރުމުގެ ސަބަބުން، ވީޑިއޯ އެސިސްޓެންޓް މެދުވެރިކޮށް ވީޑިއޯ ބެލުމަށްފަހުއެވެ. ބަޔާނުގެ ދެވަނަ ލަނޑު މެޗްގެ އޮނަތިރީސް ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރިއަލްމެޑްރިޑުން ބަޔާންއާ ގުޅުނު ހަމޭސް ރޮޑްރިގޭޒްއެވެ. ބަޔާން މިޔުނިކްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިދާލްއެވެ. މެޗުގެ ފަހު ލަނޑާއި، ޕެނަލްޓީގައިވެސް ހަމޭސް ރޮޑްރިގޭޒް މުޙިއްމު ދައުރެއް އަދާކުރިއެވެ. 

ބޮރޯޝިއާ ޑޯޓްމަންޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ބާރަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ބަޔާން އޮތް އިރު ނުވަ ޕޮއިންޓާއެކު ޝާލްކޭ އޮތީ ފަސް ވަނައިގައެވެ. މިރޭ ހެމްބާރގް އާއި ޑޯޓްމަންޑް ވާދަކުރާ މެޗުން ޑޯޓްމަންޑް މޮޅު ވެއްޖެނަމަ ތާވަލްގެ އެއްވަނަ މަޤާމް އަނެއްކާވެސް ޑޯޓްމަންޑަށް ލިބޭނެއެވެ.