ޚަބަރު

ބަލި މީހުންނަށް ކާނާ ދިނުމާ ބެހޭގޮތުން ބޭއްވި ވޯކްޝޮޕް ނިމުން


ބަލި މީހުންނަށް ދިނުމަށް އެންމެ ރަނގަޅު ކާނާއާ ބެހޭ ގޮތުން ނަރުހުން ތަމްރީނު ކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

އައި.ޖީ.އެމް.އެޗްގެ ނިޔުޓްރިޝަން ކޮމިޓީ އާއި ނެޝަނަލް ހެލްތް އެކަޑަމީ ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި ޖުމްލަ 20 ބައިވެރިން ބައިވެރިވެ، ސެޓްފިކެޓް ހާސިލް ކޮށްފައިވެއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮއްދެވީ އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ފަރުހަތު ޝަހީރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ވިދާޅުވީ ބަލިމީހާއަށް ޑޮކްޓަރުންދޭ ފަރުވާއާއި ބޭހުގެ އިތުރުން ޑައިޓީޝަނުން ދެއްވާ އިރުޝާދުތަކަކީ ވެސް ވަރަށް މުހިންމު ކަމެއްކަމުން ކުރިއަށް އޮތް ތާނގާއި އައި.ޖީ.އެމް.އެޗުގައި އެޑްމިޓް ކުރެވޭ ބަލިމީހުންނަށް ދެވޭ ކާނާ ޑައިޓީޝަންގެ އިރުޝާދުގެ ދަށުން ދެވި، އެކަމަށް ބޭނުންވާ ވަސީލަތް ޤާއިމް ކުރުމަށްޓަކައި އައި.އި.ޖީ.އެމް.އެޗުގައި އެކަމަށް ހާއްސަ ބަދިގެއެއް ތައްޔާރުކޮށް އެތަނުން ތައްޔާރު ކުރެވޭ ކާނާ ބަލިމީހުންނަށް ދެވޭނެ ގޮތް ހަދައިދޭނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/15058268167309.jpg|އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑައިޓިޝަނެއްކަމަށްވާ އާސިޔާ ވިދާޅުވީ، މިފަދަ ބައްދަލުވުންތަކުގެ މައިގަނޑު އެއް ބޭނުމަކީ ދިރާސާތަކުގެ އަަލީގައި ބަލީ މީހާއަށް އެންމެ ރަނގަޅު ކާނާއާކީ ކޮބައިކަން ބުނޭދޭނެ ބަޔަކު ތަމްރީނު ކުރުންކަމަށެވެ. މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް ހަކުރުބަލީގެ މީހުންނާ، ލޭމައްޗަށްދާ މީހުންނާ، ހިތުގެ ބަލި ހުންނަ މީހުންނާ އަދި ކިޑްނީގެ ބަލިތައް ހުންނަ މީހުންގެ ކެއިންބުއިން ބަލަހައްޓާނެ ގޮތް ކިޔާދެވިފައިވާނެކަމަށް އާސިޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިން ބުނީ ބައްދަލުވުމުގެ ސަބަބުން ބަލި މީހުންނަ ދޭންވާ އެންމެ ރަނގަޅު ކާނާ އެނގިގެން ހިނގައްޖެކަމަށެވެ. މި ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗުގެ ނަރުހުންގެ އިތުރުން ހުޅުމާލޭ އަދި ވިލިމާލޭ ހޮސްޕިޓަލްއާއި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީ އިންވެސް ބައިވެރިވެފައިވެއެވެ.