ޚަބަރު

ރައީސް ޔާމީން، ނޭޕާލްގެ އިސްވެރިންނަށް ތަހުނިޔާ ވިދާޅުވެއްޖެ


ނޭޕާލްގެ ކޮންސްޓިޓިއުޝަން ޑޭގެ މުނާސަބަތުގައި، ނޭޕާލްގެ ރައީސް ބިދްޔަ ދޭވީ ބަންޑާރީއަށާއި، ބޮޑުވަޒީރު ޝޭރު ބަހާދުރު ޑިއުބާއަށް ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެބޭބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ނޭޕާލްގެ ކޮންސްޓިޓިއުޝަން ޑޭގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަ އަދި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ނޭޕާލާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނޭޕާލްގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ. ‏

ނޭޕާލްގެ ކޮންސްޓިޓިއުޝަން ޑޭ އަކީ 20 ސެޕްޓެންބަރު 2015ގައި އެ ޤައުމުގެ އާ ޤާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.