ޚަބަރު

ރޮހިންގޔާގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ!


ރޮހިންގޔާ މުސްލިމުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ގޮވާލާ އދ.އަށް މިހާތަނަށް ހުށައެޅި ކޮންމެ ޤަރާރަކަށް ރާއްޖެއިން ތާޢީދުކޮށްފައިވާނެކަމަށް އދ.ގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޢަލީ ނަޞީރު މިހެން ވިދާޅުވީ، މިމަހުގެ ސާދަ ވަނަ ދުވަހު އދ.ގެ ޖެނެރަލް އެސެމްބުލީގައި ނެގި ވޯޓާއި އެކަމުގައި ރާއްޖޭގެ ސިޔާސަތު އޮތް ގޮތާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞާ ބަސްދީގަތުމެއްގައެވެ.

އދ.ގައި ހުންވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު ވިދާޅުވީ، ވޭތުވެދިޔަ ބާވީސް އަހަރުގެ ތެރޭގައި މިޔަންމާގެ މައްސަލާގައި އދ.ގައި ބަހުސްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މިޔަންމާގައި ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ރޮހިންގޔާ މުސްލިމުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގޮވާލާ އދ.އަށް ހުށައެޅުނު ކޮންމެ ޤަރާރަކަށް ދިވެހިރާއްޖެއިން ތާޢީދުކޮށް ވޯޓު ދީފައިވާކަމަށެވެ. އދގެ އިތުރުންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ތެރެއިންވެސް ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ބައިނަލްއަޤްވާމީ މަސްރަޙްގައި ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި އަޑު އުފުލަމުން ގެންދާކަމަށް އދ.ގައި ހުންވާ ރާއްޖޭގެ ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވިގޮތުގައި ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަން ހުއްޓުވާ މިމައްސަލަ ކުރު މުއްދަތަކަށް ޙައްލުކުރުމުގެ ބަދަލުގައި، މިކަމުގައި ރޮހިންޔާ މުސްލިމުންނަށް ދާއިމީ ޙައްލަކާ، އަމާންކަމެއް މުޅި ދުނިޔޭގެ ބާރުއެޅުމާއެކު ހޯދައިދޭން ޖެހޭކަމަށް ރާއްޖެއިން ދެކޭކަމަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާ ލާއިންސާނީ ޢަމަލުތަކާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ފަދަ ކަންކަމުގައި އެކަންކަން ހިންގާ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނީ އދ.ގައި ޤައުމުތަކުން އެއްބަސްވެ ޤާއިމްކޮށްފައިވާ އިޖްރާޢަތްތަކުގެ ތެރެއިންކަމަށް ދިވެހި ސަރުކާރުން އަބަދުވެސް ޤަބޫލުކުރާކަމަށް ސަފީރު ވިދާޅުވިއެވެ.

މިމަހުގެ ސާދަވަނަ ދުވަހު އދ.ގެ ޖެނެރަލް އެސެންބުލީގައި ނެގި ވޯޓަކީ ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް ނެގި ވޯޓެއް ނޫންކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. މިޔަންމާގެ މައްސަލަ ޙައްލުކުރުމަށް އދ.ގައި ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީކަން ދިވެހި ސަރުކާރުން ވަނީ ދެއްވާފައެވެ. ރޮހިންގޔާ މުސްލިމުންގެ ޙައްޤުތަކާމެދު އދ.ގައި ވޯޓް ނަގާނީ އަންނަ މަހުގެ ހަތާވީސް ވަނަ ދުވަހުއެވެ.