ޚަބަރު

"ގިނަ މަޝްރޫޢުތައް ހިންގަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން"


ރާއްޖޭގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ ގިނަ މަޝްރޫޢުތަކަކީ ބޭރުގެ އެހީއަށް ބަރޯސާނުވެ، ރާއްޖޭގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު ފިއެސްޓާ އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން އިންތިޒާމްކޮށްގެން، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލް ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ކުޅިވަރުގެ މި ފިއެސްޓާއިން ހުޅުވިގެން ދަނީ ސިޔާސީ ޕާޓީތަކުގެ އައު ޞަފްހާއެއްކަމަށެވެ. ސިޔާސީ ޕާޓީތަކަކީ ހަމައެކަނި ސިޔާސީ ޙަރަކާތްތައް ހިންގަން ތިބި ބައެއް ނޫންކަމަށެވެ. އެގޮތުން ޤައުމު ބިނާކުރުމާއި ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ޕީޕީއެމުން ބާއްވާ ކުޅިވަރު ހަރަކާތަކީ ސިޔާސީ ޕާޓިއަކުން ބާއްވާ އެންމެ ތަފާތު ހަރަކާތްތަކަމަށް ވިދާޅުވިއެވެ.  

ޒުވާނުންނަކީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމަލުކަން ފާހަގަކުރައްވާ ރައީސްވަނީ އެމަނިކުފާނުގެ މެނިފެސްޓޯގެ މައިގަނޑު އަސާސްކަމަށްވާ ، ޒުވާނުންނާއި، އިޤްތިޞާދު އަދި ސެކިއުރިޓީ ނުވަތަ ރައްޔިތުންގެ ރައްކަތެރިކަން ކަށަވަރުކުރުމަށް ކުރެއްވި މަސައްކަތުގެ ކާމިޔާބީއަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. 

ރައީސް ވިދާޅުވީ، ކުޅިވަރުގެ ހަރަކާތުގެ ތެރެއިން ގިނަ މެސެޖުތަކެއް ޒުވާނުންނަށް ލިބިގެންދާނެކަމަށެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް އަތޮޅުތަކުގައި ކޮށްފައިވާ ހޭދަ ފެނިގެންދާނެކަމަށެވެ. 

ރައީސް ޔަމީން ވަނީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން  ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން ގެންދާކަންވެސް ފާހަގަކުރައްވާފައެވެ.  އެމަނިކުފާނުގެ ވާހަކަފުޅުގައި މިހާރު ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގެ ތަރައްގީއަށްކުރާ ހޭދަތަކަކީ ބޭރުގެ އެހީއަށް ބަރޯސާވެގެން ހިންގާ މަޝްރޫޢތަކަކަށްވާތީ އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރުން އެހީ ލިބޭކަމަށާއި، ބޭރުގެ އެހީގައި މިހާރު ހިންގަނީ ހަމައެކަނި ބްރިޖް މަޝްރޫޢުފަދަ ބިޔަ މަޝްރޫޢތައް އެކަނިކަމަށެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމާއި އެނޫންވެސް ދާއިރާތަކާއި ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް ބޮޑު ހޭދައެއްކުރީ ދައުލަތުގެ ބަޖެޓުންކަމަށް ރައީސް ވިދާޅުވިއެވެ. 

ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދަށް އެންމެ މުހިންމު އެއް މަޝްރޫޢަކީ ރާއްޖޭގ ބައިނަލްއަޤްވާމީ މައި އެއަރޕޯޓް ތަރައްޤީކުރުންކަމަށާއި، އެއްހާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއަރޕޯޓްގެ ތަރައޤީއަށް ހޭދަކުރުމަށްޓަކައި، އެއަރޕޯޓްކީ ދިވެހިންގެ ތަނަކަށް ހެދުމަށް  ތިންސަތޭކަ މިލިއަން ޑޮލަރު ސަރުކާރުގެ ބަޖެޓުން ޚަރަދުކުރަންޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ވާހަކަފުޅުގައި ވަނީ ޒުވަނުންނަށް ބަޖެޓުގައި ހިމަނައިގެންނާއި އެނޫންވެސް ގޮތްގޮތުން ހޭދަކުރަނީ ރައްޔިތުންގެ މުދަލާއި ނަފްސުތަކުގެ ސަލާމަތަށްކަން ފާހަގަކުރައްވާފައެވެ. 

ދައުލަތުގެ ބަޖެޓްގެ ކޮންމެ ފައިސާ ފޮއްޗެއް މި ސަރުކާރުން ބޭނުންކޮށްފައިވަނީ ހެޔޮގޮތުގައި ރައްޔިތުންގެ ފައިދާއަށްކަމަށާއި އެކަން ބައިނަލްއަޤވާމީ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުންވެސް ހާމަވެގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.