ޚަބަރު

އަގު އޮޅުވާލުމުން 7 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން!!


ދެހާސް ބާރަ ވަނައަރާއި ދެހާސް ފަނަރަވަނަ އަހަރާދެމެދު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު އޮޅުވާލުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 7 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. 

މުދާ ކްލިއަރ ކުރުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލު ދެނެގަތުމަށް އޭސީސީން ކުރި ދިރާސާއެއްކަމަށްވާ "ކޮރަޕްޝަން ރިސްކު އެސެސްމަންޓް" ރިޕޯޓްގައިވާގޮތުން ދެހާސް ބާރަވަނަ އަހަރާއި ދެހާސް ފަނަރަ ވަނަ އަހަރާ ދެމެދު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު އޮޅުވާލުމުގެ ސަބަބުން ހަތް މިލިޔަން ހަސޭކަ ތިރީސް ފަސްހާސް އަށްސަތޭކަ އަށްޑިހަ ދެރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. މީގެތެރެއިން ދެމިލިޔަން ސާޅީސް އަށްހާސް އެއްސަތޭކަ ބާވީސް ރުފިޔާ ހިމެނޭ މައްސަލަތައް ޝަރުއީ ކޯޓްތަކުގައި ހިނގަމުންދާކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މީގެތެރޭގައި ހިމެނޭ ފަސްމިލިޔަން ދުއިސައްތަ ނުވަދިހަ ފަސްހާސް ނުވަސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ހޯދުމުގެ މަސައްކަތް ކަސްޓަމްސްއިން ކުރަމުންދާކަމަށް އޭސީސީގެ ރިޕޯޓްގައިވެއެވެ. 

އޮޅުވާލައިގެން މުދާ އެތެރެކުރުމާއި، މުދަލުގެ އަގު އޮޅުވާލުމުގެ މައްސަލަތައް ހުއްޓުމުގެ ގޮތުން މިފަދަ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މުދާ ކުލިއަރ ކުރުމުގައި ވަރަށް ހަރުދަނާ އުސޫލްތަކެއް ކަސްޓަމްސްގައި ޤާއިމްކޮށްފައިވާކަންކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރި މި ދިރާސާއަކީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ސައްހަ ނޫން މައުލޫމާތު ހުށައަޅައިގެން އޮޅޮވާލައިގެން މުދާ އެތެރެކުރާކަމުގެ ޝަކުވާ ހުށައެޅުމާ ގުޅިގެން ކުރި ދިރާސާއެކެވެ.