ޓުއަރިޒަމް

ޓުއަރިޒަމް ދާއިރާގައި ދިވެހިން އަދަދު އިތުރުކުރުމަކީ އަމާޒެއް


ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އިތުރުކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދަވާކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މުނައްވަރު މިހެން ވިދާޅުވީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހޮޓެލް އޭޝިޔާ އެގްޒިބިޝަން ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

13 ވަނަ ހޮޓެލް އޭޝިޔާ އެގްޒިބިޝަން ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އަޙްމަދު މުނައްވަރު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރެއްވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ އެންމެ ބިޔަ އެއް މަޝްރޫއަކީ 800 މިލިއަން ޑޮލަރު ހަރަދުކުރައްވައިގެން ހިންގަވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މިހާރު ހިދުމަތްދެވެނީ 1.3 މިލިއަން މީހުންނަށްކަމަށްށާއި މި މަޝްރޫޢު ނިމުމުން މިހާރު ހިދުމަތްދެވޭ މިންވަރަށްވުރެ 7 ގުނަ އިތުރަށް ހިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ދެން ސަރުކާރުން ފައްޓަވާފައިވާ އަނެއް މަސްރޫއަކީ އަތޮޅުތަކުގައި އެއަރޕޯޓުތަށް އެޅުންކަމަށްށާއި، މިއަހަރުގެ މިހާތަނަށް މިހާރުވެސް ރާއްޖޭގެ 4 ސަރަހައްދެއްގައި އެއަރޕޯޓުތަށް ތަރައްޤީކޮށްފައިވާކަން މިނސްޓަރ ފާހަގަކުރެއްވިއެވެ.

ހޮޓެލް އޭޝިޔާގައި ދުނިޔޭގެ އެކި ކަނކޮޅުތަކުން 600 އަށްވުރެ ގިނަ ޝެފުން ބައިވެރިވާއިރު، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކާބޯތަކެއްޗާއި ވިޔަފާރީގެ މަޢުރަޒެވެ. ސެޕްޓެމްބަރ 18 އިން ފެށިގެން 20އަށް މި މުބާރާތްކުރިއަށްދާނެ. ދަރުބަރުގޭގައި ކުރިއަށްދާ ހޮޓެލް އޭޝިޔާގެ މިފަހަރުގެ އެގްޒިބިޝަންގައި މި އިންޑަސްޓްރީގެ އެކިއެކި ހިދުމަތްތަކާއި އުފެއްދުންތަށް ދައްކާލުމަށް 175 ވުރެ ގިނަ ސްޓޯލް ހުރެއެވެ.

މިފަހަރުގެ ހޮޓެލް އޭޝިޔާ އެގްޒިބިޝަން އިންތިޒާމް ކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސްގެ ފަރާތުންނެވެ. އަދި މިފަހަރުގެ މެއިން ސްޕޮންސަރަކީ ބެސްޓް ބައި މޯލްޑިވްސްއެވެ.