ތަޢުލީމު

އެމް.އޭ.އެމްގެ ބިޒްނަސް ސްކޫލް އިފްތިތާޙުކޮށްފި


ކަނޑުދަތުރު ފަތުރާއި ގުޅޭ ތަފާތު ކޯސްތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސްއިން، އެ އިންސްޓިޓިއުޓްގެ ބިޒްނަސް ސްކޫލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. 

ނޭޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމް.އޭ.އެމް ބިޒްނަސް ސްކޫލް އިފްތިތާޙް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަޒީރުއެވެ.

މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސްއިން ބުނީ ބިޒްނަސް ސްކޫލް އުފެއްދި އެންމެ ބޮޑު މަޤްސަދަކީ ދަތުރުފަތުރުގެ ވިއުގަ ފުޅާވަމުން އަންނައިރު ރާއްޖޭގައިވެސް ޝިޕިންގެ ދާއިރާ ކުރިއަރަމުންދާ އަވަސްމިނަށް ބަލާ، ވިޔަފާރީގެ ދާއިރާއިން ކުރިއަށްދިއުމަށް ގިނަ ދަރިވަރުންތަކެއް އެދެމުންދާތީ އެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ. 

އެމް.އޭ.އެމް ބިޒްނަސް ސްކޫލް ފަށާއިރު، ވިޔަފާރިއާއި ހިންގުމުގެ ދާއިރާގެ 6 ކޯހެއް ކުރިއަށްގެންދާނެ ކަމަށް އޭ.އެމް.އޭ އިން ބުނެއެވެ. އެގޮތުން ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޯސްތައް ހިމެނެއެވެ. އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ކޯސްތައްވެސް ހިމެނެއެވެ. މިއީ މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސާ ގުޅިގެން ކުރިއަށްގެންދާ ކޯސްތަކެކެވެ. 

img:http://s3.psmnews.mv/images/660x400/15057361840101.jpg|އެމް.އޭ.އެމް ބިޒްނަސް ސްކޫލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

އެމް.އޭ.އެމް ބިޒްނަސް ސްކޫލް ފަށާފައިވަނީ ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކާއެކުއެވެ. ނަމަވެސް އަހަރުން އަހަރަށް ކޯސްތައް އިތުރުކޮށް ކޯސްތަކުގެ ލެވެލް މަތިކުރާނެ ކަމަށް އެމް.އޭ.އެމް އިން ބުނެއެވެ.

އެމް.އޭ.އެމް ބިޒްނަސް ސްކޫލް ފެށުމުގެ ގޮތުން މިހާރުވެސް ނ.އަތޮޅުގެ ބައެއް ރަށްތަކުގައި ކޯސްތައް ކުރިއަށްދާކަމަށާއި، މުސްތަޤްބަލްގައި އިތުރު އަތޮޅުތަކަށް އެމް.އޭ.އެމް ބިޒްނަސް ސްކޫލްގެ ކޯސްތައް ފުޅާ ކުރާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

އެމް.އޭ.އެމް ބިޒްނަސް ސްކޫލް އިފްތިތާޙް ކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ އަދުގެ ސަރުކާރުން ތައުލީމީ ދާއިރާ ބައްޓަން ކުރަން މަސައްކަތް ކުރަނީ، ހަމައެކަނި ދެވޭ ތައުލީމުގެ މައްޗަށް ނޫން ކަމަށާއި، ހުނަރު ތަރައްޤީ ކުރުމަށްވެސް ޚާއްސަ އިސްކަމެއް ދޭކަމަށް. ބީޓެކް އަދި ދަސްވާރުފަދަ ކާމިޔާބު ޕްރޮގްރާމްތަކަށް އިޝާރާތް ކުރައްވާ، ނަޒީރު ވިދާޅުވީ ހުނަރު ތަރައްޤީ ކުރުމަށް ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ހިންގަމުންދާ ސްޓްރީމް ތަކަކީ ބައިނަލްއަގްވާމީ ފެންވަރުގެ ސްޓްރީމެތަކެއްކަމަށެވެ.

އެމް.އޭ.އެމް ބިޒްނަސް ސްކޫލުން ހިންގާ ކޯސްތަކަކީ އަގުހެޔޮ އަދި ބަހާލައިގެން ފައިސާ ދައްކާ އުސޫލުން ކުރިއަށްގެންދާ ކޯސްތަކެއް ކަމަށް އެމް.އޭ.އެމް އިން ބުނެއެވެ.