ޚަބަރު

މިޔަންމާގެ މައްސަލަ އދ.ގައި އެޖެންޑާކުރަނީ އޮކްޓޫބަރުމަހު


އދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި މިމަހުގެ 14 ވަނަ ދުވަހު ނެގި ވޯޓަކީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާއި ގުޅުންހުރި ވޯޓެއް ނޫންކަމަށާއި، މިޔަންމާގެ މައްސަލަ އދ.ގައި އެޖެންޑާކުރަނީ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހަށްކަމަށް ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެ ބަހުސްކުރާއިރު ރާއްޖެ ވެގެންދާނީ މިޔަންމާ މައްސަލާގައި އެންމެ އިސްދައުރެއް އަދާކުރާ ޤައުމަކަށްކަމަށް ސަފީރު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އ.ދ ގެ ޖެނަރަލް އެސެމްބްލީގައި ނެގި ވޯޓެއްގައި ދިވެހިރާއްޖޭން ބައިވެރިނުވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ވަނީ ދޮގުކުރައްވާފައެވެ. އދ. ގެ ޖެނަރަލް އެސަމްބްލީގައި ނެގި އެވޯޓުގައި ރޮހިންޔާ މުސްލިމުންގެ ނަން ހިމަނާފައިވެސް ނުވާކަމަށް ފޮރިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މައްސަލައިގެ ހަޤީޤަތް ހާމަކޮށްދެއްވަމުން ދިވެހިރާއްޖެއިން އދ. އަށާއި، އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު ވިދާޅުވީ، މިމަހުގެ ސާދަވަނަ ދުވަހު ނެގި ވޯޓުގައި މިޔަންމާ އަދި ރޮހިންޔާގެ ނަން ހިމަނާފައިނުވާކަމަށާއި އަދި އެނޫންވެސް ޤައުމެއްގެ ނަންވެސް ހިމަނާފައިނުވާކަމަށެވެ.

މިޔަންމާގެ މައްސަލާގައި އދ.ގައި ބަހުސްކުރާތާ ބާވީސް އަހަރު ވެފައިވާކަން ފާހަގަކުރައްވާ ސަފީރު ޢަލީ ނަސީރު ވިދާޅުވީ، މިޔަންމާގެ ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް އައިސްފައިވަނީ ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައިކަމަށާއި ރާއްޖެއިން އދ.ގެ ތިންވަނަ ކޮމިޓީގައިވެސް އަދި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައިވެސް ބުނެފައިވަނީ، މިޔަންމާގެ ސަރުކާރަށް ބަދަލުތަކެއް އައިކަމުގައި ވީނަމަވެސް ރޮހިންޔާ މުސްލިމުންނާ ގުޅޭ ސިޔާސަތަށް ބަދަލުތަކެއް ނާންނަހާދުވަހަކު މިޔަންމާގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތަށް އެދެވޭ ބަދަލެއް ނާންނާނެކަމަށެވެ. އަދި ރޮހިންޔާ މުސލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް މިޔަންމާ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އަސާސީ ފެންވަރެއްގައި ބަދަލުގެންނަންޖެހޭކަމަށް ރާއްޖެއިން ބުނެފައިވާނެކަމަށެވެ.

ސަފީރު ވިދާޅުވީ މިޔަންމާގެ ކަންކަމުގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި މިހާތަނަށް ފާސްކޮށްފައިޥާ ޤަރާރުތަކުގައި ރާއްޖެއިން އެކަމާ އަޑުއުފުލާ ވަކާލަތުކޮށްފައިވާނެކަމަށާއި، މިޔަންމާގެ މައްސަލައިގެ ތެރެއަށް އދ.އިން ވަނުމަށް ޜާއްޖެއިން ވޯޓުލާފައިވާނެކަމަށެވެ. މިދިޔަ އަހަރު އޮތް އދ.ގެ ޢާންމު މަޖިލީހުގައިވެސް ރާއްޖެއިން ކުރެއްވި ތަޤްރީރުގައި އެކަމަށް ގޮވާލާފައިވާނެކަން ސަފީރު ފާހގަކުރެއްވިއެވެ. އަދި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ މާއުލޫމާތު އދ.އާއި އެނޫންވެސް ބައިނައަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކަށް ދިނުމުގައިވެސް ރާއްޖެއިން އިސް ދައުރެއް އަދާކޮށްފައިވާނެކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވީ، އދ.ގައި މިޔަންމާގެ މައްސަލަ އެޖެންޑާކުރާނީ މިއަހަރުގެ ތިންވަނަ ކޮމިޓީގެ ޖަލްސާތަކުގައިކަމަށެވެ. މިޔަންމާގެ މައްސަލާގައި އދ.ގައި ބަހުސްކުރުމަށް ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އޮކްޓޫބަރު މަހުގެ ހަތާވީސްވަނަ ދުވަސްކަމަށާއި، އެ ތާރީޚުގައި ބަހުސްކުރާއިރު ރާއްޖެ ވެގެންދާނީ މިޔަންމާ މައްސަލާގައި އެންމެ އިސްދައުރެއް އަދާކުރާ ޤައުމަށްކަމަށް ސަފީރު ވިދާޅުވިއެވެ. ރާއްޖެއިން އަބަދުވެސް މިފަދަ ކަންކަމުގައި އިސް ދައުރެއް އަދާކުރާކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތަކެކެވެ. އަދި އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެއިން އ.ދ. އަށްވަނީ ގޮވާލާފައެވެ.