ޚަބަރު

ކަސްޓަމްސްގެ "ކޮރަޕްޝަން ރިސްކު އެސެސްމަންޓް" ރިޕޯޓް ނެރެފި


އޮޅުވާލައިގެން މުދާ އެތެރެކުރާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބް ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ. 

ކަސްޓަމްސްއަށް ޚާއްޞަކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ދިރާސާއެއްކަމަށްވާ "ކޮރަޕްޝަން ރިސްކު އެސެސްމަންޓް" ރިޕޯޓް ނެރެމަށް ކަސްޓަމްސް ބިލްޑިންގގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބް ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، މި ރިޕޯޓުން ފާހަގަކުރެވުނު އެންމެ މުހިންމުކަމަކީ މުދާ ކުލިއަރ ކުރުމުގައި ވަރަށް ހަރުދަނާ އުސޫލްތަކެއް ކަސްޓަމްސްގައި ޤާއިމްކޮށްފައިވާކަންކަމަށެވެ. 

ނަމަވެސް މުދާ އޮޅުވާލުމުގެ ސަބަބުން ޖޫރިމަނާ ކުރާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް މިހާރަށް ވުރެ ހަރުދަނާކުރަންޖެހޭކަން މުޢައްވިޒް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ތިލަފުށީ ބަނދަރުގައި ކަސްޓަމްސްގެ ދައުރު މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15056386186826.jpg|ކަސްޓަމްސްއަށް ޚާއްޞަކޮށްގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރި ދިރާސާއެއްކަމަށްވާ "ކޮރަޕްޝަން ރިސްކު އެސެސްމަންޓް" ރިޕޯޓް ނެރެމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި މި ދިރާސާއަކީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ސައްހަ ނޫން މައުލޫމާތު ހުށައަޅައިގެން އޮޅޮވާލައިގެން މުދާ އެތެރެކުރާކަމުގެ ޝަކުވާ ހުށައެޅުމާ ގުޅިގެން ކުރި ދިރާސާއެއްކަމަށެވެ. 

މި ދިރާސާގެ ރިޕޯޓް ނެރެދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ވަނީ މި ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކަސްޓަމްސްއިން ޚިދުމަތެއް ހޯދުމަށް ރިޝްވަތު ދޭން ނުޖެހޭނެކަމަށް އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އޭސީސީއިން ނެރޭ ބިތުފަންގި ބްލެޓިން ވަނީ ނެރެފައެވެ. މި ބްލެޓިންގ ނެރެދެއްވީ އޭސީސީގެ މެމްބަރ އައިމިނަތު މިންނާއެވެ.