ކުޅިވަރު

ދިވެހި ލީގަށް އިންޑިޔާގެ ހަތަރު ރެފްރީން


އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރެފްރީކަން ކުރަން އިންޑިޔާގެ ހަތަރު ރެފްރީއަކު މާލެ ގެނެސްފިއެވެ.

މި ރެފްރީންގެ ތެރެއިން ދެ ރެފްރީއަކު ވަނީ އިއްޔެ ހަވީރު މާޒިޔާ އަތުން ޓީސީ 1-0 ން މޮޅުވި މެޗަށް ނުކުމެފައެވެ. އަނެއް ދެ ރެފްރީން އިންސާފު ކުރީ މާޅޮސް އަތުން ރޭ ގްރީން ސްޓްރީޓް 5-0 ން މޮޅުވި މެޗުގައެވެ.

އެފްއޭއެމުގެ އިސް އޮފިޝަލަކު ބުނީ ދިވެހި ރެފްރީންގެ މައްސަލަ ބޮޑުވެ ކުލަބުތަކުން ގިނަ ޝަކުވާތަކެއް ކުރަމުންދާތީއާވެސްއެކު އިންޑިޔާއިން ރެފްރީން ގެނައީ ކަމަށެވެ. އަދި ލީގުގެ ފުރަތަމަ ބުރު ނިމެންދެން އިންޑިޔާގެ ރެފްރީން މާލޭގައި ތިބޭނެ ކަަމަށެވެ. ލީގުގެ ދެ ވަނަ ބުރުގައި ބިދޭސީ ރެފްރީން ބައިތިއްބާނެތޯ ނިންމާނީ އަދި ފަހުން ކަމަށް ވެސް ގައުމީ ފުޓްބޯޅަ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ރެފްރީންނާމެދު ކުލަބުތަކުން ޝަކުވާ ބޮޑުވެފައިވާއިރު އިންޑިޔާ ރެފްރީންގެ ފެންވަރު ދަށްކަމަށް އިއްޔެ ހަވީރުގެ މެޗަށް ފަހު ބައެއް ކުލަބުތަކުން ވަނީ ބުނެފައެވެ. އިންޑިޔާއިން ގެނެސްފައިވަނީ އެ ގައުމުގެ ދެ ވަނަ ފަންތީގެ ރެފްރީންނެވެ.