ކުޅިވަރު

ކުޑަހުވަދޫވެސް ފަސޭހައެއް ނުވާނެ - ނިއުގެ ކޯޗު


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މިނިވަން ޗެންޕިއަންޝިޕްގެ ޗެންޕިއަން ދ.ކުޑަހުވަދޫ އާ ދެކޮޅަށް ކުޅޭ މެޗް ފަސޭހަ ނުވާނެ ކަމަށް ނިއުގެ ކޯޗް އޮސްކާ ބްރުޒޮން ބުނެފިއެވެ.

 މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޮސްކާ ބުނީ އަތޮޅު ތެރެއިން ޕްރިމިއަރ ލީގަށް އައި އެއްވެސް ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. ސަބަބެއް ގޮތުގައި އޭނާ ފާހަގަ ކުރީ މިހާތަނަށް އަތޮޅު ތެރޭގެ ޓީމްތަކުން ދައްކާފަ ހުރި ކުޅުމާއި، ނެރެފައިވާ ނަތީޖާތަކެވެ. މިއަދުގެ މެޗާ ނިއު ކުރިމަތި ލާ އިރު އެންމެ ފަހުން ލީގުގައި މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުން 3 ޕޮއިންޓް ލިބުނުނަމަވެސް އެ މެޗްގައި ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، އެހެންކަމުން މިއަދު ކުޑަހުވަދޫ އާއި ދެކޮޅަށް ކުޅޭ މެޗުގައި އެނާގެ ޓީމްގެ ފަރާތުން ތަފާތުތަކެއް ފެނިގެންދާނެ ކަމަށް ކޯޗު ބުންޏެވެ. މިއަދުގެ މެޗަށް ނިކުންނަ އިރު ޓީމުގެ މުހިންމު ކުޅުންތެރިން ފިޓްކޮށް ތިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މެޗަށް ރަނގަޅަށް ޕްރެކްޓިސް ކުރެވިފައި ވުމުން ރަނގަޅު ފައިޓެއް އިދިކޮޅު ޓީމަށް ދެވޭނެކަމަށް އުންމީދުކުރާކަމަށް ކޯޗު ބުންޏެވެ. 

" އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. އަތޮޅު ތެރޭގެ ޓީމްތަކާ ދެކޮޅަށް ކުޅޭ މެޗުތައްވެސް ފަސޭހައެއް ނުވާނެ. މިއަދު ޓީމުން ތަފާތުތަކެއްވެސް ފެންނާނެ." ކޯޗު ބުންޏެވެ.

މެޗަށް ނިކުންނައިރު ތާވަލްގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ނިއުއަށް އެބައޮތެވެ. ޓީސީ އަތުން މާޒިޔާ ބަލިވުމުން މިއަދު ކުޑަހުވަދޫ އަތުން މޮޅުވެގެން ތާވަލްގެ އެއްވަނަ މަޤާމް ނިއުއަށް ލިބޭނެއެވެ.

 ނިއުރޭޑިއަންޓާއި، ކުޑަހުވަދޫ ބައްދަލުކުރާ މެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.