ތަރައްްޤީ

"އައްޑޫ ސިޓީ މީދޫގެ ނެރު އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ނިމޭނެ"


އައްޑޫ ސިޓީ މީދޫގެ ނެރު އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ނިންމައި، ބޭނުންކުރަން ފެށޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އައްޑޫސިޓީ ގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހައުސިންގ މިނިސްޓަރ، އައްޑޫސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދޫ އާއި މީދޫއަށް ވަޑައިގަތުމުން އެ ދެރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. މި ދަތުރުފުޅުގައި ޚާއްޞަކަމެއް ދެއްވައިގެން އެމަނިކުފާނު ބެއްލެވި އެއް މަސައްކަތަކީ މީދޫ ނެރު ހެދުމުގެ މަސައްކަތެވެ. މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީދޫ އިސްމެހެލާހެރައި ގައި ހަދަމުންދާ ނެރަކީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރުން ކޮށްދެއްވަމުންގެންދަވާ މަސައްކަތެއްކަމަށެވެ. 

މިނެރުގެ މަސައްކަތް ފެށުމަށްޓަކާ ދެހާސް ފަނަރަ ވަނަ އަހަރު އެ ސަރަހައްދުގެ ފަރު ގޮއްވާފައިވީ ނަމަވެސް މި މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ އަދިވެސް އެސަރަހައްދުގެ ފަރުން ބައެއް ގޮއްވަންޖެހޭތީ އެކަމަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނެރު ހެދުމަށްޓަކާ ފަރުން ގޮއްވަންޖެހޭ ސަރަހައްދު ގޮއްވުމުގެ މަސައްކަތް ކުރަމުންދަނީ އީ.އައި.އޭ ހެދުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓްރީގެ ހުއްދަ އާއި އެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް މީދޫ ނެރުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީދޫ އިސްމެހެލާހެރައިގެ ނެރުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވުމާއި ގުޅިގެން ހުޅުދޫއާއި މީދޫގެ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. މި ނެރު ހުޅުވުމުން އައްޑޫސިޓީގެ ރައްޔިތުންނާއި، ހުޅުމީދޫގެ މަސްވެރިންގެ އިތުރުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައްޔިތުން ބުނެއެވެ. ނެރުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިނިސްޓަރ ވަޑައިގަތުމުން ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ ފަރާތުން ވަނީ މިނިސްޓަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

img:http://s3.psmnews.mv/images/660x400/15055700009261.jpg|އައްޑޫ ސިޓީ މީދޫ ނެރު ކަނޑާ ސަރަޙައްދު މިނިސްޓަރ ބައްލަވާލައްވަނީ / ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިނިސްޓަރގެ މި ދަތުރުފުޅުގައި، ހުޅުމީދޫގެ ކައުންސިލްގެ ބޭފުޅުންނާއި ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް މިނިސްޓަރ ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވައި، ނެރުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލުމާތު ދެއްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން އިތުރަށް ބޭނުންވާ ކަންކަމުގައި މިނިސްޓަރަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތުވެސް ދެއްވާފައިވެއެވެ. މިނިސްޓަރ ވަނީ ހުޅުދޫ އާއި މީދޫއަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބަނދަރު މަރާމާތުކުރުމާއި، މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ފެން ހިންދޭނެ ނިޒާމެއް ޤާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ. އެގޮތުން ހުޅުދޫ ބަނދަރާއި، މީދޫ ބަނދަރުގެ އިތުރުން ހުޅުމީދޫ މެދު ބަނދަރުގެ ޙާލަތު މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގައި މިނިސްޓްރީގެ ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ސާރވިސަސް ޑިޕާޓުމަންޓުގެ ހުޅުމީދޫ ސެކްޝަނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައިވެއެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެހެން ޢިމާރާތަށް އިތުރުކުރެވިދާނެ ބައިތަކާބެހޭގޮތުން މިނިސްޓްރީގެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައިވެއެވެ. މިނިސްޓަރ ވަނީ ހުޅުދޫގައި ޢިމާރާތްކުރާ 48 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށްދާގޮތްވެސް ބައްލަވާ ލައްވާފައެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫސިޓީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، މި ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްސީލް ރައްޔިތުންނާއި ޙިއްސާކުރެއްވިއެވެ. އަދި މި ސިޓީގެ ތަރައްޤީއަށްޓަކައި ކުރެވިދާނެކަމަށް ރައްޔިތުންނަށް ފެންނަ ކަންތައްތައްވެސް މިނިސްޓަރ ވަނީ އޮޅުން ފިލުއްވާފައެވެ.