ސިއްހަތު

ކުޅުދުއްފުށީގައި އެމްއާރުއައި މެޝިން ބަހައްޓަން ތައްޔާރުވަނީ


ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކޮށް، ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫއާއި ކުޅުދުއްފުށީގައި ޓާޝަރީފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން ނޫރުލްއިސްލާމް އިންޓަނޭޝަނަލް އާއި ހާވާލުކޮށް ޓަޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ގެންދަނީ ކުރަމުންނެވެ. މިގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓާ އެމްއާރުއައި ސްކޭނިންގ މެޝިނާއި ސީޓީ ސްކޭން މެޝިން ބަހެއްޓުމަށް ހަމަޖެހިފައިވާ ތަން މަރާމާތުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށް ހަވާލު ކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަލީ އުސައިދު ވިދާޅުވީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ސީޓީ ސްކޭންގެ ޙިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ. އަދި އެމްއާރުއައިގެ ހިދުމަތްވެސް ޓައިމްލައިނަށްވުރެ އަވަހަށް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސީޓީ ސްކޭންއާއި އެމްއާރުއައި މިމެޝިނަރީތައް ބެހެއްޓުމަށް މަރާމާތުކޮށްފައިވަނީ ކުރީގެ ޖެނެރަލް ވޯޑު ހުރި ތަން. މިތަން މާރާމަތު ކުރުމުގެ ގޮތުން ހޮސްޕިޓަލްގެ ޖެނެރަލް ވޯޑް ވަނީ، ކުޑަކުދިންގެ ވޯޑް ހުރިތަނަށް ބަދަލުކޮށްފައެވެ. އަދި ކުޑަކުދިންގެ ވޯޑްވެސް ވަނީ މިހާރު ހޮސްޕިޓަލުގެ އެހެންތަނަކަސް ބަދަލުކޮށްފައެވެ.

އުސައިދު ވިދާޅުވީ ހޮސްޕިޓަލުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިންފުރާ ސްޓްރަކްޗަރ އަށް ބަދަލުގެނައުމުގެ އިތުރުން ދެވޭ ޙިދުމަތަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ވެގެންދިއުމުން އުތުރުގެ ސިއްޙީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް ޢަބުދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ދިވެހިން އާންމުކޮށް ޚިދުމަތް ހޯދަމުން އަންނަ އިންޑިޔާގެ ނިމްސް ހޮސްޕިޓަލާއި ގުޅިފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައި ވަނީ މިއަހަރުގެ ޖުލައިމަހުގެ 10 ވަނަ ދުވަހުއެވެ.