ކުޅިވަރު

ވައި18 ސްޕޯރޓްސް ފިއެސްޓާގެ މީޑިޔާ ޕާޓްނަރަކަށް ޕީއެސްއެމް


"ވައި އެއިޓީން" ސްޕޯރޓްސް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) އަދި އޮންލައިން ޕާރޓްނަރަކަށް ވަގުތު އޮންލައިން ހަމަޖައްސާ އެއްބަސުވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސްޕޯރޓްސް ފިއެސްޓާ އިންތިޒާމް ކުރާ ކޮމިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާންއެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލްލަތީފެވެ. އޮންލައިން މީޑިއާ ޕާޓްނަރ ވަގުތުގެ ފަރާތުން  ސޮއިކުރެއްވީ މާކެޓިންގ އެގްޒެކްޓިވް އަހުމަދު އަޝްހާދު އަބްދުﷲއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު "ވައި އެއިޓީން" ކުޅިވަރު ފިއެސްޓާއާ ގުޅޭގޮތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ވިދާޅުވީ، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތަށް ވެގެންދާނެކަމަށެވެ.

އަދި މިކުޅިވަރު ހަރަކާތް ކަވަރުކޮށް، ދެއްކުމުގައި ޒުވާނުންނާއި، ކުޅިވަރަށް ޚާއްޞަ ޗެނަލް ޔެސްއިން މުޙިއްމު ދައުރެއް އަދާކުރައްވާނެކަމަށާއި އެއީ ލިބޭ  އުފަލެއްކަމަށްވެސް ޖަމީލް އުސްމާން ވިދާޅުވިއެވެ.

" މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު ފިއެސްޓާއަށް ވެގެންދާނެ. މިފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެހި، ޒުވާނުންނާ ކުޅިވަރަށް ޚާއްޞަ ޗެނަލުން ކަވަރޭޖް ގެނެސްދިނުމަކީ އުފަލެއް. ރާއްޖޭގެ އެކިކަންކޮޅުތަކުން މިހާރުވެސް ދަނީ މުބާރާތުގެ މައުލޫމާތު ސާފްކުރުމަށް އަޅުގަނޑުމެންނާ ގުޅަމުން. " ގެމަނަފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލްލަތީފް ވިދާޅުވީ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ފުރިހަމަ ކަވަރޭޖެއް ޤައުމީ މީޑިޔާއިން ގެނެސްދޭން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށާއި، އެފުރުޞަތު ލިބުމުން އުފާކުރައްވާ ކަމަށެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ކުޑާގެ ދަށުގައިވާ ހުރިހާ ވަޞީލަތްތަކުން ފިއެސްޓާގެ މައުލޫމާތާއި މަންޒަރުތައް ފުރިހަމައަށް ގެނެސްދެއްވާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި މިކަމުގައި ޒުވާނުންނާ ކުޅިވަރު އަދި މުނިފޫހިފިލުވުމަށް ޚާއްޞަ ޗެނަލް "ޔެސް" އިން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

" އެންމެ ބޮޑު އެންމެ އަގުބޮޑު ކުޅިވަރު ފިއެސްޓާގެ ފުރިހަމަ މައުލޫމާތުތައް ޤައުމީ މީޑިޔާއިން ގެނެސްދޭންޖެހޭނެކަމަށް އަޅުގަނޑުމެން ދެކެން. އެފުރުޞަތު ލިބުމަކީ އުފަލެއް. ޒުވާނުންނާ ކުޅިވަރަށް ޚާއްޞަކޮށް މިވަރުގެ މުބާރާތެއް ބާއްވާކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރު ދަންނަވަން. " އިކްރާމް ވިދާޅުވިއެވެ.

ކުޅިވަރު ކުޅޭނެ ވަޞީލަތްތައް ގިނަ އަދަދަކަށް ޤާއިމްކުރައްވާ، ކުޅީވަރުގެ ފުރުޞަތުތައް މިސަރުކާރުން ތަނަވަސްކޮށްދެއްވަމުން ގެންދަވާތީ އެކަންވެސް އިކްރާމް ފާހަގަކުރެއްވިއެވެ. ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް މުސާރަދެއްވަން ފެއްޓެވުމާއި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓްސެލްއާއި، ބަށި އަދި އެނޫންވެސް ކުޅިވަރުގެ ވަޞީލަތްތައް އެންމެ ގިނައިން ޤާއިމްކުރެއްވީ މިސަރުކާރުންކަންވެސް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

ވަގުތު އޮންލައިންގެ ފަރާތުން އަޝްހާދު ވިދާޅުވީ ތާޒާކަމާއެކު މުބާރާތުގެ މައުލޫމާތުތައް ވަގުތުން ވަގުތަށް ގެނެސްދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

"ވައި އެއިޓީން" ސްޕޯޓްސް ފިއެސްޓަރ އަކީ  މުޅިރާއްޖެއަށް ހުޅުވާލައިގެން ރަށްތަކުން ވާދަކުރާ ދިގުދެމިގެންދާ ފެސްޓިވަލެކެވެ.

ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މުބާރާތުގެ މުޙިއްމު މައުލޫމާތުތައް ޙިއްޞާކުރަމުންދާނެކަމަށް މި ފިއެސްޓަރ އިންތިޒާމްކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީ.ޕީ.އެމްގެ ފަރާތުން މެންބަރު ޖަމީލް އުސްމާން ވިދާޅުވިއެވެ.