ވިޔަފާރި

އެމްޕީއެލްގެ ވިޔަފާރި އިތުރު ދާއިރާތަކަށް ފުޅާކުރަނީ


އެމްޕީއެލްއިން ވިޔަފާރީގެ އިތުރު ދާއިރާތަކަށް ވަނުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނީގެ ސީއީއޯ އަބްދުއް ރައްޒާޤް ޚަލީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ އެއްތިރީސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތައްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އަބްދުއްރައްޒާޤް ޚަލީމް ވިދާޅުވީ، ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ދަށުން ވޭތުވެދިޔަ އަހަރު އެކުންފުނީގެ އިކުއިޕްމެންޓްސްއަށް ބޮޑު ހޭދައެއްކުރެވި ކުންފުނީގެ ވަސީލަތްތައް އިތުރުކުރެވިފައިވާކަމަށެވެ. މީގެސަބަބުން ކުންފުނީގެ ވިޔަފާރި ފުޅާވެ، މަސައްކަތުގެ ސްޕީޑް އަވަސްވެ، އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުރަނގަޅުވެފައިވާކަމަށް އަބްދުއްރައްޒާޤް ވިދާޅުވިއެވެ.

އަބްދުއް ރައްޒާޤް ޚަލީމް ވިދާޅުވީ، އެކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންދީ، އަދި މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް މުވައްޒަފުންނަށް ރަނގަޅު އުޖޫރައެއް ދިނުމަށް ކުރިއަށްއޮތް އަހަރު އެކުންފުނިން މަސައްކަތް ކުރާނެކަމަށެވެ. އަހަރީ ދުވަހަކީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ކުންފުނި ކުރިއަށްދާގޮތް ދެނެގަނެ، ކުރިއަށްއަށް އޮތް އަހަރަށް ޕްލޭންކުރަން ލިބިގެންދާ އެންމެ ރަނގަޅު ފުރުޞަތުކަމަށް އަބްދުއް ރައްޒާޤް ޚަލީމް ވިދާޅުވިއެވެ.

އެމްޕީއެލް ކުރިމަތީގައި މިއަދު ހެނދުނު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހާ ގުޅިގެން ޚާއްޞަ ކޭކެއް ފަޅާފައިވެއެވެ. މިރަސްމިއްޔާތު ނިމުނީ ޚާއްޞަ ދުއާއަކުން. މިރަސްމިއްޔާތުގައި އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެރިވިއެވެ.