ޤައުމެއްގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ނުރައްކާތެރި ތިން ޙާލަތު ރާއްޖެއަށް ކުރިމަތިވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހާގައި ވާހަކަދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ޤައުމުގެ އިސްތިގްލާލާ މެދު ސުވާލު އުފެދިގެން ދިޔަކަމަށެވެ. އަދި ޤައުމުގެ މާލީ ޙާލަތުވެސް އިންތިހާއަށް ދަށްވެގެން ދިޔަ ކަމަށާއި އިސްލާމް މާއްދާއަކީ ސްކޫލުތަކުގައި ކިޔަވާދޭނެ މާއްދާއެއްތޯ ނުވަތަ ނޫންތޯ އެ މަޢުޝޫއަށްވެސް ބަހުސް ކުރެވިގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން މިއަދު ރާއްޖެއަށް ގެންނަމުންދާ ތަރައްޤީއަށް އިދިކޮޅު ބައެއް ލީޑަރުން ފާޑުކިޔަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ލީޑަރުންނަކީ މިއަދު ރާއްޖެއަށް ރައީސް ޔާމީން ގެންނަމުންދާ ތަރައްޤީއާ މެދު ފާޑުކިޔަން ރަނގަޅު ބައެއް ނޫން ކަމަށާއި އެ ލީޑަރުން އެފަދައިން ފާޑުވިދާޅުވާން މިއަދު ލަދުގަންނަންޖެހޭނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުވަނީ ބައެއް މިސާލުތައް ދައްކަވާފައެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ މިއަދު ރާއްޖޭގެ ސިއްޙީ ދާއިރާއަށް އަންނަމުންދާ ތަރައްގީއަށް އެކަނި ބަލާލިއަސް ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ރައްޔިތުން ގަބޫލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ސަރުކާޜުން ކުރާ ޚަރަދު މިއަދު 130 ގުނަ އިތުރުވެފައިވާ ކަމަށެވެ.
ރޭ ރުމާލުދޭ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޕީޕީއެމްގެ ބައެއް އާންމު މެމްބަރުންވެސް ވަނީ ވާހަކަދައްކަވާފައެވެ.