ތަރައްްޤީ

މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2018 ރަސްމީކޮށް އިފްތިހާހްކޮށްފި


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2018 ރަސްމީކޮށް އިފްތިހާހްކޮށް ޕާޓްނަރުންނާއިއެކު ސޮއިކޮށްފިއެވެ.

މިމެގަޒިންގ ރަސްމީކޮށް އިފްތިތާހްކޮށްފައިވަނީ އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ގައިޑް އިފްތިތާހްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑްގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފައިވާއިރު، މި ފަހަރުގެ މެގަޒިންގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އޮފިޝަލް އެކަމަޑޭޝަން ޕާޓްނަރަކީ ސަން ޝިޔާމް އިރުފުއްޓެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖައްސާފައިވާއިރު، އޮފިޝަލް ޕްރިންޓިންގ ޕާޓްނަރަކީ ސިންގަޕޫރުގެ ޓައިމްސް ޕްރިންޓަރސްއެވެ. މިފަހަރު ގައިޑް ނެރުމަށް ހަމަޖެހިފައިވަނީ، މިއަހަރު ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑަބްލިއުޓީއެމް ފެއާގައެވެ. ގައިޑް ނެރުމަށް ހަވާލުކޮށްފައިވަނީ ފީލް މޯލްޑިވްސްއާއެވެ.

މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ބެހޭ ހުރިހާ މައުލޫމާތުތައް އެންމެ ސައްޙަކަން ބޮޑުގޮތެއްގައި ބޭރުގެ ފަރާތްތަކަށް ހާމަކޮށްދިނުމަށް އެމްއެމްޕީއާރުސީން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ މެގަޒިނެކެވެ. މެގަޒިންގގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި އުފެއްދުންތަކުގެ މަޢުލޫމާތާއި ރާއްޖޭގެ މަޢުލޫމާތުގެ އިތުރުން ރާއްޖޭގައި ކުރެވިދާނޭ އިންވެސްޓްމަންޓްތަކާއި ބެހޭ މަޢުލޫމާތު ހިމަނާފައިވެއެވެ. މިއީ އެމްއެމްޕީއާރުސީން މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް ނެރުނު 12 ވަނަ އަހަރެވެ. އެމްއެމްޕީއާރުސީން ވަނީ މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 10 ބަހަކުން ނެރުމަށް ނިންމާފައެވެ. އަދި ގައިޑް ސްޕޮންސަރކުރުމަށް ބޭނުންވާ ފަރާތްތަކަށް މިހާރުވަނީ އެފުރުސަތު ހުޅުވާލާފައެވެ.

މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް ދެހާސް އަށާރަ ރަސްމީކޮށް އިފްތިހާހްކުރުމުގެ ރަސްމިއްޔާތުގައި ވަނީ ފީލް މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލް، މޯލްޑިވްސް ޑެސްޓިނޭޝަން ޗެނަލް ތައާރަފްކޮށްފައެވެ. އެމްޑީސީ ތައާރަފްކޮށްދެއްވީ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދެވެ.