ޚަބަރު

ކޯޓްތަކަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭ ނިޒާމެއް ޤާއިމްކުރަނީ


އޮންލައިންކޮށް ކޯޓްތަކަށް މައްސަލަ ހުށަހެޅޭ ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިލެކްޓްރޯނިކް ފައިލިންގ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ފަށާފައިވާކަމަށެވެ. އެގޮތުން މިމަސައްކަތް ނިމޭއިރު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކޯޓްތަކަށް މައްސަލަ ހުށައެޅޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

"މައިގަނޑު 3 ފޭސްއަކަށް ބަހައިލައިގެން ކުރިއަށް ގެންދެވޭ، އިލެކްޓްރޯނިކް ފައިލިންގ މެކޭނިޒަމް ޤާއިމުކޮށް ނިމޭއިރު، ދައުލަތުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާއި، ލޯ ފާމުތަކުން ހުށަހަޅަން ބޭނުންވާ މައްސަލަތައް މި ނިޒާމުގެ ތެރެއިން ފައިލްކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ މައްޗަށް ކުރެހިފައިވާ މި ތަސައްވަރުގެ ދަށުން، އަދުލު އިންސާފު ފޯރުކޮށްދިނުމުގެ ނިޒާމަށް ނުހަނު ބޮޑު ކުރިއެރުންތަކެއް ހޯދުމުގެ މަގު އިތުރަށް ފަހިވެގެން ދާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިފަދަ ނިޒާމެއް ޤާއިމުކުރުމުން ކޯޓުތަކުގައި މައްސަލަތައް ދުރާލާ ތާވަލު ކޮށް، އެކަމުގެ މައުލޫމާތު ކޯޓުތަކާއި، މައްސަލައިގެ ޚަޞްމުންގެ މެދުގައި ބަދަލުކޮށް، މައްސަލަތައް ޝެޑިއުލްކުރުމުގައި އުފެދޭ ފުށުއެރުންތައް ނެތިގެންދާނެކަމަށެވެ. އަދި މި ނިޒާމާއެކު ޖިނާއީ އަދި މަދަނީ ޢަދުލުގެ ނިޒާމަށް އިތުރު އަވަސްކަމެއް ލިބި، ޝަރުޢީ ކޯޓުތަކުން އިންސާފު ލިބުން އަވަސްވެ ޢާންމު ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓްތަކުގެ ޢުމްރާނީ ތަރައްޤީއަށް ޝަރުޢީ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.