ކުޅިވަރު

ތ.އަތޮޅު ތައުލީމީ މަރުކަޒުގެ ކާމިޔާބަކީ ސްކޫލްތަކަށް މިސާލެއް!


ިންޓަރ ސްކޫލު މުބާރާތްތަކުގައި އަތޮޅުތަކުގެ ސްކޫލުތަކުން ވާދަކުރާ މިންވަރު ފަހަކަށްއައިސްދަނީ އިތުރުވަމުންނެވެ. މުޅިން އަލަށް ސްކޫލު މުބާރާތްތަކުގައި ވާދަކުރާ އަތޮޅުތަކުގެ ސްކޫލްތަކުން އެނބުރި ރަށަށް ހުސްއަތާ ދަނީ މަދު ފަހަރެއްގައެވެ.

ދާދިފަހުން ނިމިގެންދިޔަ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އަލަށް ވާދަކުރި ތ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދި ކާމިޔާބީ ފާހަގަކޮށްލަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މުބާރާތުގައި ވާދަކުރި ދެ އުމުރުފުރާއިންވެސް ތ.އަތޮޅު ތައުލީމީ މަރުކަޒުން ޗެމްޕިއަންކަން ހޯދީ މާލޭގެ ސުކޫލުތައް ފަހަތައް ޖައްސާލުމަށްފަހުގައެވެ. މުބާރާތުގެ 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތ.އަތޮޅު ތައުލީމީ މަރުކަޒު. އަދި 16 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދީ ތ.އަތޮޅު ތައުލީމީ މަރުކަޒުގެ މިފްތާހު އަބްދުލް މުޙުސިން. އަދި 16 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީވެސް މި ސްކޫލުގެ ދަރިވަރެކެވެ. މި އުމުރުފުރާގެ ފިރިހެން ސިންގަލްސް ދެވަނަ އަދި ތިންވަނަ ހޯދީވެސް އެ ސްކޫލުގެ ދަރިވަރުންނެވެ.

މި ކާމިޔާބީ ތ.އަތޮޅު ތައުލީމީ މަރުކަޒުން ސިފަކުރަނީ އެރަށުގެ ހުރިހާ އެންމެން ހޯދި ކާމިޔާބެއްގެ ގޮތުގައި. ރަށުގެ މުވައްސަސާތަކާއި، ބެލެނިވެރިންނާއި ސްކޫލުގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ގޮތުގައެވެ.

ތ.އަތޮޅު ތައުލީމީ މަރުކަޒު ޓީޓީ ޓީމްގެ މެނޭޖަރު މުހައްމަދު އާސިރު ފާހަގަކުރިގޮތުގައި މި މުބާރާތުގައި ސްކޫލުން ބައިވެރިވުމުގެ ހިޔާލަކީ ރަށުގެ ޒުވާނުންގެ މަރުކަޒުން ދިން ޚިޔާލެކެވެ. ޒުވާނުންގެ މަރުކަޒުގައި މިކަމަށް ޝައުގުވެރިކަންހުރި ކުދިން ތަމްރީންކޮށް ޓީމެއް އެކުލަވާލާ މުބާރާތައް ފަރިތަކުރަން ފެށީ މީގެ ދެ ހަފްތާކުރިންނެވެ.

ޓޭބަލްޓެނިސް ކުރިއެރުމަށް ރަށުގައި ގިނަ މަސައްކަތްތަކެއް ޒުވާނުންގެ މަރުކަޒުންދަނީ ކުރަމުންނެވެ. އެގޮތުން ޓީޓީ އެސޯސިއޭޝަނުގެ އެހީއާއިއެކު އެރަށުގައި ކޯޗިން ޕްރޮގްރާމްތައް ހިންގައި ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ކުލާސްތަކެއް މީގެކުރިންވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަހަރުގެ މުބާރާތުގައި ތ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދި ކާމިޔާބީ ފާހަގަކޮށް ޓީޓީ އެސޯސިއޭޝަނުންވަނީ ސްކޫލަށް ޕްރޮފެޝަނަލް ޓޭބަލްޓެނިސް ކުޅޭ ސަމާނުތަކެއްވެސް ހަދިޔާކޮށްފައެވެ.

ތ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މޫސާ މުސްތާގް ވިދާޅުވީ އެ ސްކޫލުން މި މުބާރާތުގައި ވާދަކޮށް މިހޯދި ކާމިޔާބީ ޓީޓީ އެސޯސިއޭޝަނުން ބަލައިގެންފިކަމަށާއި، އެކަމަށް ޝުކުރުއަދާކުރާކަމަށެވެ. އަދި މިއީ އަތޮޅު ތެރޭގެ ހުރިހާ ސްކޫލަކަށް ތ.އަތޮޅު ތައުލީމީ މަރުކަޒުން ދިން މެސެޖެއްކަމަށާއި، އަމާޒެއް އޮވެގެން ކަމެއް ހާސިލްކުރަން ބޭނުންވާ ކޮންމެ ސްކޫލަކަށްވެސް ކާމިޔާބު ހޯދޭނެކަން ސާބިތުކޮށްދެވިއްޖެކަމަށް މުސްތާގް ފާހަގަކުރެއްވިއެވެ. 

އޭނާ ވިދާޅުވީ ތ.އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގައި ބައިވެރިވާން ނިންމި މައިގަނޑު ސަބަބަކީ ތިމަރަފުށީގައިވެސް ޓީޓީގެ ހުނަރު ހުރި ކުދިން ތިބިކަން ދައްކައިދިނުމަށްކަމަށެވެ. އެކަން ވަރަށް ރަނގަޅަށް ހާސިލްކޮށްދެވިއްޖެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަހަރު ފަސްކުދިންނާއިއެކު ބައިވެރިވިކަމުގައިވިޔަސް އަންނަ އަހަރު ގިނަ ކުދިންތަކަކާއިއެކު ގިނަ އުމުރުފުރާތަކުގައި އެ ސުކޫލުން ވާދަކުރާނެކަމަށްވެސް މުސްތާގް ވިދާޅުވިއެވެ.

"ގިނަ ރަން މެޑަލްތަކެއް ލިބިއްޖެ. މިއީ ގިނަ ބައެއްގެ ބުރަ މަސައްކަތްކަން ފާހަކޮށްލަންޖެހެނީ، އަޒުމާއިއެކު މަސައްކަތްކުރާ ބަޔަކަށް ކާމިޔާބު ލިބޭނެކަން މިއަދު ސާބިތުކޮށްދެވިއްޖެ. މިއީ އަތޮޅުތަކުގެ އެހެން ސްކޫލްތަކަށް އަޅުގަނޑުމެން ދިން މެސެޖެއް" މުސްތާގު ފާހަކުރެއްވިއެވެ. 

ތ.އަތޮޅު ތިމަރަފުށިން ފުޓްބޯޅައިގެ ގިނަ ތަރިންތަކެއް އުފައްދާފައިވާއިރު، މިހާރު ތައުލީމީ މަރުކަޒުގެ އަމާޒަކީ އެހެން ކުޅިވަރުތަކުންވެސް ހުނަރުވެރިން އުފެއްދުމެވެ.