ޚަބަރު

ތިމާވެއްޓާއި ގުޅޭ ނިންމުންތަކުގައި ރާއްޖޭގެ ހިއްސާ ބޮޑު- ޠާރިޤް


ދުނިޔެ ހޫނުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކުލަވާލެވިފައިވާ ޕެރިސް އެގްރިމަންޓް ދިވެހިރާއްޖެއިން ތަސްދީގު ކޮށްފައިވާއިރު، އޯޒޯން ފަށަލައިގެ ހިމާޔަތުގައި ކޮށްފައިވާ މަސައްކަތްތަކަކީ އޭގެ ސަބަބުން ޖައްވު ހޫނުވުން ކުޑަކުރުމުގެ ބާރަކަށްވެސް ވެފައިވާ ކަމެއްކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެންވަޔަރަމެންޓް މިނިސްޓަރ ދެއްވި ތަޤްރީރުގައި ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ނިންމާ މިފަދަ ބޮޑެތި ނިންމުންތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލި ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ވިހިވިއްސަށް ހައިޑްރޯ ކްލޯރޯ ޕްލޯރޯ ކާރބަންސް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާއިރު، މިލަނޑުދަނޑި ހާސިލުކުރާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެކަމީ އެންމެހައި ދިވެހިން ފަރުޚުވެރިވާނޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި، ހައިޑްރޯ ފްލޯރޯ ކާރބަންސް ބޭނުންކުރުން މަދުކުރުމަށް ރާއްޖެއިން މަސައްކަތް ފަށާއިރު، މިކަމުގައިވެސް އެންމެހައި ދިވެހީންގެ އެއްބާރުލުން ލިބޭނެކަމަށް ޔަޤީން ކުރައްވާކަމަށެވެ.

ދިރާސާތަކުން ހާމަވާ ގޮތުގައި މޮންޓްރިއަލް މުޢާހަދާގެ ސަބަބުން އެތައް ބަޔަކު ހަމުގެ ކެންސަރާއި ލޮލުގެ ބަލިތަކުގެ އިތުރުން ދިފާޢީ ނިޒާމަށް ޖެހިދާނެ ތަފާތު ބަލިތަކުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، އިންސާނާގެ ސިއްހަތުގެ އިތުރުން އޯޒޯން ފަށަލައިގެ ދުޅަހެޔޮކަމީ އިޤްތިޞާދާ ވެސް ސީދާ ގުޅުން ހުރިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހި އިޤްތިޞާދުގެ މައި އެއްތަނބު ކަމުގައިވާ މަސްވެރިކަމަށްވެސް އޯޒޯންފަށަލައިގެ ދުޅަހެޔޮކަމުގެ މުހިއްމުކަން ބޮޑެ ކަމަށާއި ފުޑްޗެއިންގެ އަސާސީ ދިރުމެއް ކަމުގައިވާ ފައިޓޯޕްލެންކްޓަންގެ އާބާދީއަށް އެންމެ އެކަށޭނެ މާޙައުލެއް ޤާއިމް ކުރުމުގައި އޯޒޯން ފަށަލައިގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.