ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލެ ފޭސް ދޭއްގައި އަޅާ 7000 ހައުސިންގ ޔުނިޓްގެ އިތުރުން، އިތުރު 5000 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން "އެޗް.ޑީ.ސީ"ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ގޮނޑި ވިއްކުމާއި ވޮޓު ވިއްކުން ނިމުމަކަށް" މިޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސައިމަން ވިދާޅުވީ ހުޅުމާލޭގައި، އިތުރު 5000 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުންދާކަމަށާ މި މަޝްރޫޢާއެކު، ހުޅުމާލެވެގެންދާނީ ދެ ލައްކަ ސާޅީސްހާސް މީހުންނަށް ބޯހިޔާވަހިކަންދޭ ސިޓީއެއްގެގޮތުގައި ކަމަށާއި، ހުޅުމާލޭގައި މިހާރުވެސް 2.3 ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ.
ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެތެރެއިން ހުޅުމާލެފަދަ އިތުރު މަޝްރޫޢުތަކާ ގުޅުންހުރި ބިލްތައް މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރަމުންދާކަމަށް ސައިމަން ވިދާޅުވިއެވެ. އަދި މަޖިލީހުގެ ތެރެއިން ޤާނޫނުތަކަށް އިސްލާހުތައް ގެނެސްގެން ކުރަމުންދާ މަސައްކަތްތައް ސައިމަން ވަނީ ފާހަގަކުރައްވާފައެވެ.
img:http://s4.psmnews.mv/images/660x400/14645108175091.jpg|އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން - ފައިލް ފޮޓޯ: ޕީއެސްއެމް
މި ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ހިންގަމުންދާ ދަނޑިވަޅެގައި ސަރުކާރާއި ދުރައް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނާއި ދުރައްދިޔަ މެންބަރުންކަމަށް ސައިމަން ވަނީ ފާހަކުރައްވާފައެވެ. އޭނާ ވިދާޅުވީ އަވަސް އަވަހަސް ނިޒާމުން ބޭރުން ސަރުކާރުތައް ބަދަލުވެގެންދިއުމަކީ ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ހުރަހެއްކަމަށެވެ. މި ސަރުކާރުން ގެންނަމުންދާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ސައިމަން ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭރުގެ ގައުމުތަކުގައި ރާއްޖެ ބަދުނާމުވާގޮތަށް ހަޤީޤަތާ ޚިލަފު ޥާހަކަތައް ދައްކަމުންދާއިރު، އެކަމުގެ ސަބަބުން ގެއްލުމާއި ނިކަމެތިކަން ލިބިގެންދާނީ ދިވެހިރައްޔިތުންނަށްކަމަށެވެ.
އިދިކޮޅުފަރާތްތަކުގެ ޖެއްސުމާއި، ދެކޮޅު ހެދުމުގެ ޢަމަލުތަކާއެކުވެސް، މިސަރުކާރުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮންނަ އިތުބާރު ބޮޑުވެގެން ގޮސްފައިވާކަން ސައިމަން ފަހަގަކުރެއްވިއެވެ.